ހުޅުމާލެ ބީޗު ސަރަހައްދުގައި ހޮޅިވަޅުލުމުގެ މަސައްކަތް ކުރިނަމަވެސް ސަލާމަތީ ފިޔަވަޅުތަކާއެކު މޫދަށް އެރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

ހުޅުމާލެ ބީޗު ސަރަހައްދުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދަނިކޮށް އެޗްޑީސީ އިން ވަނީ އެތައް ދުވަހެއްގެ މަސައްކަތަށްފަހު އެކަން ހުއްޓުވައި އެ ސަރަހައްދު ސާފުކޮށް ހުސްކުރަން ފަށައިފައެވެ.

ހުޅުމާލޭ ބީޗުގައި ގޮނޑި މޭޒުޖަހައިގެން ވިޔަފާރި ކުރަނިކޮށް އެ ސަރަހައްދުން އިއްޔެގެ ނިޔަލަށް ހުސްކުރަން އެޗްޑީސީ އިން ވަނީ އަންގައިފައެވެ. އެޗްޑީސީ އިން ބުނީ އެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު ބީޗުގައި ހުރި ތަކެތި ނަގާފައިވާ ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ނަރުދަމާ ގުޅާލުމުގެ މަސައްކަތަށް ނަރުދަމާ ހޮޅި ވަޅުލުމަށް ބީޗު ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ކުރަންމުދާއިރު ހޮޅިވަޅުލުމުގެ މަސައްކަތް ކުރިނަމަވެސް ވޯޓާ ސްޕޯޓްސްގެ ހިދުމަތް ލިބޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެއްވެސް އުސޫލެއް ހަމައެއް ނެތި ހުޅުމާލޭގެ ބީޗް ވިޔަފާރިއަށް ބޭނުން ކުރަމުން އަންނައިރު އެ ތަން ހުސްކުރުމަށް އެޗްޑީސީން މީގެ ކުރިން އެތައް މަސައްކަތްތަކެއް ކޮށް ވަނީ ނާކާމިޔާބު ވެފަ އެވެ.