އާ ގަވަރުނަރު ފަޒީލު ނަޖީބު ސޮއިކުރައްވާފައިވާ 500ރ.ގެ އާ ޗާޕެއް މާދަމާ ބާޒާރަށް ނެރޭނެ ކަމަށް ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މިހާރު 500ރ.ގެ އައުޗާޕެއް ދައުރުކުރާ ފައިސާގެ ތެރެއަށް ނެރޭނީ މާދަމާ ކަމަށާއި އެ ނޫޓުތަކުގައި އޮންނާނީ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ ސޮއި ކަމަށެވެ. އަދި އެ ނޫޓްތަކުގައި މީލާދީ ތާރީހު ޑިސެމްބަރު 29، 2008 އަށް، ހިޖުރީ ތާރީހު 1 މުހައްރަމް 1430 އަށް ބަދަލުކޮށްފައިވާނެ ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.

މިހާރު ބޭނުންކުރާ 500ރ،ގެ ނޫޓުތަކުގައި އޮންނަނީ ޖުލައި 1، 2006 ކެވެ. އަދި ހިޖުރީގޮތުން 5 ޖުމާދަލްއާހިރު 1427 އެވެ. އެ ނޫޓުގައި ސޮއި ކުރައްވާފައި ވަނީ އޭރުގެ ގަވަރުނަރު ގާސިމް އިބްރާހިމް އެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 500ރ.ގެ ނޫޓުތަކާ އެކު މީގެ ކުރިން ނެރެފައިވާ 500ރ.ގެ ނޫޓުތައް ވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭން ބުނެ އެވެ. ނަމަވެސް، އަލަށް ނެރެނީ އައު ޗާޕުގެ ކިތައް ނޫޓުކަމެއް އެމްއެމްއޭގެ ބަޔާނުގައި ބުނެފައެއް ނެތެވެ.

މާދަމާ އިން ފެށިގެން 500ރ.ގެ އައުޗާޕެއް ދައުރުވާން ފަށާއިރު ދާދިފަހުން އެމްއެމްއޭ އިން ވަނީ 50ރ.ގެ އައު ޗާޕެއް ވެސް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފަ އެވެ. އަދި ދާދިފަހުން ދާދިފަހުން އެމްއެމްއޭ އިން ވަނީ ފަސް ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން ކަމަށް ބުނެ، 40 ފޮށިގަނޑެއްގައި 2.4 ޓަނުގެ ފައިސާ ޗާޕުކޮށްގެން ރާއްޖެ ގެނެސްފަ އެވެ.