މިއަދުން ފެށިގެން ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ މޮބައިލް ޓެކްސީ އެޕްލިކޭޝަން ބޭނުންކޮށްގެން، އާންމު ފަރާތްތަކަށް ވެސް ޓެކްސީ ކުރެވޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ޕްރައިވެޓް ހަޔާ ގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަކަށް ޓެކްސީ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަމިއްލަ ފަރާތްތަކުން ޓެކްސީ ކުރަން ޓެކްސީ ބޯޑް ހަރުކޮށް ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ގިނަ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮތީ ޓެކްސީ ނުލިބޭ މައްސަލަ އާއި އަދި ޓެކްސީގެ އަގުތައް ބޮޑުވުން ކަމަށެވެ.

"ރައްޔިތުންގެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑު އަހާ ކުރެވުނު މަޝްވަރާތަކަށްފަހު އަޅުގަނޑުމެން މި ބަދަލު މިގެނައީ ހުރިހާ ފަރާތްތަކަށްވެސް ފައިދާވާނެ ގޮތަކަށް ބެއްލެވުމަށްފަހު. އަދި މި ކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން،" ނަހުލާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑުކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ހިދުމަތް މިއަދުން ފެށިގެން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަން ތަކަކީ، އަވަސް ރައިޑް، އެ އައީ އަދި ސްރީލަންކާގެ ޕިކްމީ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން މި ހަމަޖެއްސި އާ އުސޫލާ އެކު، އޮކްޓޯބަރު އެކަކުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭން ޖެހޭނީ މި ތިން އެޕުން ކުރެ އެޕެއް މެދުވެރިކޮށެވެ.

ހަމައެއާއެކު މިއަދު ޓްރާންސްޕޯޓުން ވަނީ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓުތައް ވެސް ކަނޑައަޅައިފަ އެވެ.

މާލެ އާއި ހުޅުލެ އާ ދެމެދު ކުރާ ދަތުރެއްގެ އަގު 60 ރުފިޔާއަށް ހަމަޖައްސައި، މާލެ-ހުޅުމާލެ ދަތުރެއްގެ އަގު 75 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅައިފައެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ މިހާރުވެސް ނަގާ 25 ރުފިޔާ އެވެ.

މިއަދު މި ގެނެވުނު ބަދަލުތަކާ އެކު ޓެކްސީ ހޯދަން ފަސޭހަވެ، ޓެކްސީގެ އަގުތައް ވެސް ކުޑަވެގެންދާނެ ކަމަށާއި، މިއީ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އުންމީދެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ވަނީ ފާހަގަކޮށްފައެވެ.