01 Aug 2019, 16:25
މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި އޮންލައިން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން މަޖުބޫރުކޮށް، ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅައިފި އެވެ.
މިއަދު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކަކުން އެ އޮތޯރިޓީ އިން ކަނޑައަޅައި ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަނެއް ދަތުރުތައް ކުރުމުގައި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ޓެކްސީ އެޕްލިކޭޝަން ތަކަކީ؛
އަވަސް ރައިޑް
- ޕިކްމީ، ސްރީލަންކާ
- އެއައީ
ޓްރާންސްޕޯޓް އޮތޯރިޓީ އިން މި ހަމަޖެއްސި އާ އުސޫލާ އެކު، އޮކްޓޯބަރު 1 އިން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭން ޖެހޭނީ މިތިން އެޕުން ކުރެ އެޕެއް މެދުވެރިކޮށެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ޓެކްސީތަކުން މި ތިން އެޕްލިކޭޝަންގެ ތެރެއިން ކޮންމެސް އެއް އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ހަމައެއާ އެކު މިއަދު ޓްރާންސްޕޯޓުން ވަނީ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓުތައް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން؛
މާލެ އާއި ހުޅުލެ އާ ދެމެދު ކުރާ ދަތުރެއްގެ އަގު 60 ރުފިޔާއަށް ހަމަޖައްސައި، މާލެ-ހުޅުމާލެ ދަތުރެއްގެ އަގު 75 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅައިފަ އެވެ.
މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ މިހާރު ވެސް ނަގާ 25 ރުފިޔާ އެވެ.
މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މި ރޭޓުގައި ދަތުރުތައް ކުރަން ފަށާނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެވެ.
މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށް ވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމުގައި މިނިސްޓްރީ އިން ވަނީ ކަނޑައަޅައިފަ އެވެ.
ޓެކްސީ ދަތުރުގެ ހިދުމަތް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ފޯރުކޮށްދިނުމަށް ކަނޑައަޅައި، ޓެކްސީ އަގުތަކަށް ބަދަލުގެނެސްފައި ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑުކަމަށް އާއްމު ރައްޔިތުން ޝަކުވާ ކުރަމުންދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑުރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ކަމަށް އިއުލާނުގައިވެ އެވެ.