01 Aug 2019, 18:26
ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ފެތުރެމުންދާ ޗިކަންގުންޏާއާ ގުޅޭ ދިރާސާއެއް ކުރަން އައިޖީއެމްއެޗުން ނިންމައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ދިރާސާ ކުރާނީ ތައިލެންޑްގެ މަހިޑޮލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޓްރޮޕިކަލް މެޑިސިންއާ ގުޅިގެން ކަމަށެވެ.
އެ ދިރާސާ ކުރުމަށް އެ ޔުނިވާސިޓީއާއެކު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމްް ސަލީމެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. ހިޝާމް އަހުމަދެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެކި ސާމްޕަލްތައް ނަގައިގެން ބެންކޮކަށް ގެންގޮސް ތަހުލީލުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އައިޖީއެމްއެޗްއިން ޗިކަން ގުންޏާއާ ގުޅޭ ދިރާސާއެއް ކުރަން ނިންމިއިރު މިއަހަރު ކުރީ ކޮޅު ޗިކަން ގުންޏާ ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރުނެވެ.
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ބުނީ 2006 އަހަރުގެ ފަހުން ޗިކަން ގުންޏާ އެންމެ ގިނައިން ރާއްޖޭގައި ފެތުރުނީވެސް މި އަހަރު ކަމަށެވެ.
އެގޮތުން މާޗު މަހު 279 މީހުން ޗިކަން ގުންޏާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު އޭޕްރިލް މަހު އެ ބަލި ޖެހިގެން 310 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.