ރާއްޖެއަށް އަންނަމުންދާ ތަރައްގީއާ އަޅާ ބަލާއިރު ރާއްޖޭގެ ކުޑަކުދިންގެ ނިޔުޓްރިޝަންގެ ހާލަތު ރަނގަޅު ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އިފްތިތާގްކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން އަމީން ވިދާޅުވީ ކުޑަކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހު ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ހެޔޮކާނާ ނުވަތަ ނިއުޓްރިޝަން ވަރަށް މުހިއްމު ކަަމަށެވެ.

އެގޮތުން އެ ނިއުޓްރިޝަންގެ އެއްމެހާ މާއްދާތައް ލިބިދިނުމަކީ ސިކުނޑި ތަރައްގީވުމަށާއި، ދިފާޢީ ނިޒާމް ވަރުގަވުމަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ކުއްޖާ ހެދިބޮޑުވުމަށް އަދި މުސްތަގުބަލުގައި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތަކަށް ކުއްޖާ ހުށަހެޅުމުން ސަލާމަތްކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އޭގެ ބަދަލުގައި ކުއްޖާގެ ނިއުޓްރިޝަންއާއި މެދު ފަރުވާކުޑަވެ އިހުމާލުވުމުން އިއާދަނުކުރެވޭނެ ގެއްލުމާއި ހިތިނަތީޖާއަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ގިނަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެކަންކަން ހައްލުނުކުރެވި މުސްތަގުބަލުގައިވެސް ކުއްޖާއަށް އޭގެ ނޭދެވޭ އަސަރުތައް ދާއިމީ ގޮތެއްގައި ކުރަމުން ދިއުމަކީ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ބޭނުންވާނެ ނަތީޖާއެއްނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަދަރިފުޅުގެ ޢުމުރުގެ ފުރަތަ 1000 ދުވަހު ކުއްޖާއަށް ފުރިހަމަ ކާނާ ފޯރުކޮށްދިނުމަކީ، މައިންބަފައިންނަށް އޮތް އިހުތިޔާރެއްނޫން ކަމަށާއި އަދިއެއީ ކުއްޖާގެ ހައްގެއްގެ އިތުރުން މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ.

" ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަގަޅުވަމުން އައި ކަމުގައި ވީނަމަވެސް ރާއްޖެއަށް އަންނަ ހަލުއި ކުރިއެރުމާއި ތަރައްގީއާ ނިސްބަތްކުރާނަމަ، ނިއުޓްރިޝަން ހާލަތު އެންމެ އެކަށީގެންވާ ބާރު މިނުގައި ރަގަޅުވަމުން ނުދާކަން ދިރާސާތަކުން ފާހަގަ ކުރެވޭ" މިނިސްޓަރު ވިދާޅުވިއެވެެ.

އެގޮތުން ރާއްޖޭގައި 2016-2017 ވަނައަހަރު ކުރެވިފައިވާ (ޑިމޮގްރަފިކް ހެލްތު ސާރވޭގެ) ތަފާސްހިސާބާ ހަވާލާދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 97 އިން ސައްތަ ކުދިންނަށް މައިމީހާގެ ގާތުން ކިރުދިން ކަމުގައި ވީނަމަވެސް، ވިހާތާ އެއްގަޑި އިރުތެރޭގައި ގާތުން ކިރުދޭ ނިސްބަތަކީ 67 އިން ސައްތަ ކަމަށެވެ.

" އެކްސްކުލޫސިވް ބްރެސްޓްފީޑިން، ނުވަތަ ހަމަސްވަންދެން ހަމައެކަނި މައިމީހާގެ ގާތުން ކިރުދޭ ކުދިންގެ ނިސްބަތް މިހުރީ 64 އިންސައްތާގައި. މި ހަގީގަތާއި ސީދާ ގުޅުން ހުރި ބައެއް ނަތީޖާ ތަކަށް ބަލާލާއިރު، 5 އަހަރުން ދަށުގެ ކުދިންގެތެރެއިން 15 އިންސައްތަ ކުދިންނަކީ އުމުރަށްވުރެ ބަރުދަން ލުއި އަދި އުމުރާއެއްވަރަށް އިސްކޮޅު ނުހުންނަ ކުދިން. ހަމަމިއާއިއެކު 9 އިން ސައްތަ ކުދިންނަކީ ބަރުދަނާއި އެއްވަރަށް އިސްކޮޅު ފުރިހަމަވެފައިނުވާ ކުދިން." މިނިސްޓަރު ވިދާޅުވިއެވެ.