01 Aug 2019, 15:11
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މުއައްސަސާތަކާއި ކުންފުނިތައް ހާޒިރުކުރާ އިރު، ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިހާރު އަމަލު ކުރަމުން އަންނަ އުސޫލުން، ކޮމިޓީތަކުން ބޭނުން ވެއްޖެނަމަ، ހަމަ އެދުވަހުން އެދުވަހަށް ވެސް ކޮމިޓީތަކަށް މީހުން ހާޒިރުކުރެއެވެ.
މިއަދު މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަމީން އާންމު އަމިނަތު ނިއުޝާ ވިދާޅުވީ، ކޮންމެ ހަފްތާއަކު ހޯމަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ 17 ކޮމިޓީގެ މުގައްރިރުންނާ ބައްދަލު ކުރައްވާ ކަމަށެވެ. އެގޮތުން މި ހަފްތާގައި މުގައްރިރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ކޮމިޓީތަކަށް މީހުން ހާޒިރު ކުރާ އިރު، ހާޒިރުކުރުމުގެ ކުރިން ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މަޖިލީހުގެ ރައީސްއާއި ކޮމިޓީތަކުގެ މުގައްރިރުންނާއި ކުރެއްވި ބައްދަލުވުމުގައި ނިންމީ ކޮމިޓީތަކަށް ހާޒިރުކުރާ ފަރާތްތަކަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު މެނުވީ އެ ބޭފުޅުން ކޮމިޓީތަކަށް ހާޒިރު ނުކުރައްވާނެ ކަމަށް. އެ ބޭފުޅުންނަށް ތައްޔާރުވެލެއްވުމަށްޓަކައި ފަސް ދުވަހުގެ މުހުލަތެއް މީގެ ފަހުން އެރުވޭނެ ކަމަށް ނިންމި،" ނިއުޝާ ވިދާޅުވިއެވެ.
ކޮމިޓީތަކަށް ހާޒިރުކުރާ ފަރާތްތަކަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމި އިރު، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި ޖަލްސާތަކަށް ވަޒީރުންނާ ސުވާލުކުރުމަށް ހާޒިރުކުރާ އިރުވެސް ނޯޓިސް ފޮނުވައެވެ. އެގޮތުން ވަޒީރަކާ މެމްބަރަކު ސުވާލުކުރުމަށް ހުށަހަޅާތާ 14 ދުވަހުގެ ނޯޓިސްއެއް އެ ވަޒީރަށް ދޭން ޖެހެއެވެ.
އަންނަ ހަފްތާގައި ކޮމިޓީއަށް ހާޒިރުކުރާ މުއައްސަސާތަކާއި ކޮމިޝަންތަކުގެ ތާވަލް ވެސް އަމީން އާންމު ހާމަކުރިއެވެ.
އަންނަ ހަފްތާގެ ކޮމިޓީ ޝެޑިއުލް:
އޮގަސްޓް، 5 (ހޯމަ) - އިޖުތިމާއީ ކޮމިޓީން؛ ޔޫތު މިނިސްޓްރީއާ ބައްދަލު ކުރުން
- އޮގަސްޓް، 5 (ހޯމަ) - ހިއުމަންރައިޓްސް އެން ޖެންޑާ ކޮމިޓީ؛ ހިއުމަން ރައިޓްސް ކޮމިޝަނާ ބައްދަލު ކުރުން.
- އޮގަސްޓް، 5 (ހޯމަ) - ދައުލަތުގެ ކުންފުނިތަކާ ބެހޭ ކޮމިޓީ؛ އާސަންދަ ކުންފުންޏާ ބައްދަލުކުރުން.
- އޮގަސްޓް، 6 (އަންގާރަ) - އިޖުތިމާއީ ކޮމިޓީން؛ އެންސްޕާއާ ބައްދަލުކުރުން.
- އޮގަސްޓް، 6 (އަންގާރަ) - ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ؛ ހައުސިން މިނިސްޓްރީއާ ބައްދަލުކުރުން.
- އޮގަސްޓް، 6 (އަންގާރަ) - ޖުޑީޝަރީ ކޮމިޓީ؛ އެޓާނީ ޖެނެރަލް އޮފީސްއާ ބައްދަލުކުރުން
- އޮގަސްޓް، 6 (އަންގާރަ) - އެންވައިރަމަންޓަ އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ؛ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެންވަޔަރަމަންޓް މިނިސްޓްރީ، ވެމްކޯ އަދި އީޕީއޭއާ ބައްދަލުކުރުން.
- އޮގަސްޓް، 7 (ބުދަ) - ހިއުމަންރައިޓްސް އެން ޖެންޑާ ކޮމިޓީ؛ ޖެންޑާ މިނިސްޓްރީއާ ބައްދަލުކުރުން.