ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހިފަހައްޓާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ތަމަޅަ ބަހުން ނެރޭ "ޕުދިޔަތަލައިމުރައި" ނޫހުގައި މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނީ، އިންޓެލިޖެންސް މައުލޫމާތަކާ ގުޅުގެން އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަދީބު އަތުލައިގަތީ، ޓުޓްކޮރިންގެ ކަނޑުގެ ސަރަހައްދުން އެވެ. ނޫސްތަކުން ބުނަނީ، އަދީބު އިންޑިއާއަށް އެތެރެވާން އުޅުނީ "ވާގޯ-9" ނަމަކަށް ކިޔާ ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން އެވެ.

އިންޑިއާގެ އިންޓެލިޖެންސް އިދާރާ، ރޯ އާއި ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނަނީ، އަދީބު އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރީ، އިންޑޮނޭޝިޔާގެ އަށް މީހަކާއި ތަމަޅަ އެކަކު ހުރި ޓަގްބޯޓެއްގައި ކަމަށެވެ. އެ ބޯޓްގައި ތިބި، ނުވަ މީހުންގެ އިތުރުން 10 ވަނަ މީހަކަށް އެ ބޯޓްގައި ހުރީ ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

އަދީބު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން އަދީބު ހައްޔަރުކުރި އިރު، އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް ސުޕްރީމް ކޯޓުން އޮތީ ހިފަހައްޓައިފަ އެވެ.

އަދީބު ހައްޔަރު ކުރުމާ ގުޅޭ ގޮތުން ދިވެހިން ފުލުހުން ވެސް އަދި ހާރިޖިއްޔާއިން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އަދީބުގެ ފޯން ވެސް އޮތީ ނިވާލައިފަ އެވެ. އަދި އަދީބުގެ ހަބަރެއް ނުވާތާ ދެތިން ދުވަހެއް ވެފައިވާ ކަމަށްވެ އެވެ.

އަދީބު އިންޑިއާއަށް އެތެރެވާން އުޅުނު، ޓަގް ބޯޓް "ވާގޯ-9" އެއް.

އަދީބު ފިލަން މަސައްކަތް ކުރި ޓަގް ބޯޓަކީ ސިންގަޕޫރުގެ ދިދަ ޖެހި ބޯޓެކެވެ. ޓަގް ބޯޓްގެ ދަތުރުގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ބޯޓް އިންޑިއާގެ ޓުޓްކޮރިންގެ ބަނދަރަށް ވަނީ މިއަދު ހެނދުނު 9:17ގަ އެވެ.

ބޯޓްގެ ރެކޯޑްތަކުން ފެންނަ ގޮތުގައި، އެ ބޯޓް ޓުޓްކޮރިންއަށް ދަތުރު ކުރީ، ރާއްޖެއިން ކަމަށާއި އަދި މި ބޯޓް ވަނީ ކ. ފޭދޫ ފިނޮޅު ކައިރީގައި ނަގިލި އަޅައިގެން އޮވެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ، ގޮތުގައި އަދީބު ފިލި ޓަގް ބޯޓް ރާއްޖެއިން އިންޑިއާއަށް ފުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އިންޑިއާ ކޯސްޓްގާޑުން، އެ ޓަގް ބޯޓް ހިފެހެއްޓީ ޓުޓްކޮރިން ގެ ކަނޑުގެ ސަރަހައްދުން މިއަދު ހެނދުނު 9:00 އެހާކަންހާއިރު އެވެ. އަދި ކޯސްޓްގާޑުން ބެލިބެލިމުން ފަޅުވެރިންގެ އިތުރުން އިތުރު މީހަކު އެ ބޯޓްގައި ދަތުރުކުރި އެވެ.

އެ ބޯޓަކީ ރާއްޖެ އާއި އިންޑިއާޔާ ދޭތެރޭގައި ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.