އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި މަރުއާނާ ހައްދާ ހިސާބުތަކުގައި އުފައްދާ ހަޝިޝް އޮއިލްގެ ބޮޑު ބައެއް، ކެރެލާ މަގުން ރާއްޖެއަށް އެތެރެކުރާ ކަމަށް އިންޑިއާގެ ސްޓޭޓް އެކްސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް)އިން ބުނެފިއެވެ.

އެސްއީއީއެސްއާ ހަވާލާދީ ދަ ހިންދޫ ނޫހުގައި ބުނެފައި ވިޒިންޖަމް ޕޯޓުން ރާއްޖެއަށް ތަރުކާރީއާއި މޭވާ ސަޕްލައި ކުރާ ކާގޯ އެޖެންސީއަކުން ރާއްޖެއަށް މަސްތުވާތަކެތި ގެންދާކަމަށް ފުރަތަމަ ޝައްކު ކުރެވުނީ 2018 ވަނަ އަހަރު 11 ކިލޯގެ ހަޝިޝް އޮއިލްއާއެކު ޓްރިވެންޑްރަމްގެ މަޝްހޫރު ރެސްޓޯރަންޓް ވިޔަފާރިވެރިއެއްގެ ދަރިއަކު އަތުލައިގެން ހިސާބުން ކަމަށެވެ.

އަދި އެ ހިސާބުން ފެށިގެން އެ ރެސްޓޯރަންޓް ޗެއިންއަށް ފާރަލައި، އެސްއީއީއެސް އިން ވަރަށް ގާތުން އެކަން ބަލަމުން ދިޔަ ކަމަށް ނޫހުގައި ބުނެފައިވެއެވެ.

އެސްއީއީއެސްއިން ކުރި ތަހުގީގުން، އެ ރެސްޓޯރަންޓް ޗެއިންއަކީ ދިވެހި ވިޔަފާރިވެރިންތަކަކާ ގުޅިގެން ރާއްޖެއަށް ކުރަމުން ދިޔަ މަސްތުވާތަކެތީގެ ވިޔަފާރި ފޮރުވަން ބޭނުން ކުރި ކަވާ އެއްކަން ވަނީ އެނގިފައެވެ.

ނަމަވެސް އެސްއީއީއެސް އިން އެމީހުންނަށް ފާރަލާކަމަށް ތުހުމަތު ކުރެވިގެން، އެ ރެސްޓޯރަންޓު ވަނީ ފަހުން ބަނދުކޮށްފައެވެ.

އިއްޔެ އިންޑިއާގެ ޕަލައްކަޑް ސަރަހައްދުގައި ހުރި ގެޔަކުން އަތުލައިގެން 21 ކިލޯގެ ހަޝިޝްއަކީ ވެސް ރާއްޖެއަށް ފޮނުވަން މަސައްކަތް ކުރި އެއްޗެހި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އެސްއީއީއެސް އިން ތުހުމަތުކުރާ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ތަރުކާރީއާއި މޭވާ ފޮށިގަނޑު ތެރޭގައި ފޮރުވައިގެންނެވެ. އަދި ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭތީ ޕޯޓާއި އެއާޕޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެކަމަށްވެސް އެ ފަރާތުން ބުނެއެވެ.