01 Aug 2019, 13:16
މަންމައާއި ކުޑަދަރިފުޅުގެ ކާނާއާ ހަޔާތުގެ ރަން 1000 ދުވަހުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން "ޔާގޫތު" މިއަދު ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އެޕް ނެެރެދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މިއީ މަންމައާއި ކުޑަދަރިފުޅުގެ ސިއްހަތަށްޓަކައި ފައިދާހުރިކާނާ މުހިންމުވަނީ ކީއްވެގެންކަމާއި ކާމިޔާބުކަމާ އެކު ގާތުން ކިރުދޭނެ ގޮތާއި ކުޑަދަރިފުޅަށް އޮށްޓަރުހުރިކަނާ ކާންދޭން ފަށާނެ ގޮތާއި ކާނާ ތައްޔާރުކުރާނެގޮތް އަދި ކުޑަކުދިންނަށް ކާންދޭނެ ގޮތާ ބެހޭ މަޢުލޫމާތު ވީހާވެސް ބޮޑަކަށް ފޮރުކޮށް ދިނުމުގެ ގޮތުން އެކުލަވާލި އެޕެއްކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ އެޕުން އަދި ފަސް އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން ހެދިބޮޑުވުމުގައި ކުއްޖާ އުމުރާއި އެއްވަރަށް ބަރުދަނާއި އިސްކޮޅުފުރިހަމަ ވެފައިނުވާކުދިން ދެނެގަނެ އެކަމަށް އަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ލިބޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

"ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ
އޭގެ އިތުރުން ބެލެނިވެރިންނަށް ރާއްޖެއިން ލިބެންހުންނަ ކާނާގެ ބާވަތްތައް ބޭނުންކޮށްގެން ފައިދާހުރި ކާނާ ތައްޔާރުކުރާނެ ގޮތާއި ފައިދާހުރި ކަނާ ކާންދިނުމުގެ މުހިންމުކަން އަދި ކުއްޖާ ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާނެ އެހެނިހެން މުހިންމު މަޢުލޫމާތު އެޕުގައި އެކުލެވިގެން ވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޔުނިސެފް ތައްޔާރު ކުރެވުނު "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ.
މިއީ ރާއްޖޭގެ ކުޑަކުދިންގެ ނިއުޓްރިޝަން ޙާލަތު ރަނގަޅު ކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް ޓަކައި އެހީތެރިވެދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އެޕެކެވެ.
އެ ސްޓްރެޓެޖީ ތައްޔާރުކުރެވިފައި ވަނީ ލިބެންހުރި ތަފާސް ހިސާބުތަކަށާއި ކަމާ ގުޅުންހުރި ފަރާތަކާއި އަދި މުޖުތަމައުގެ ގިނަފަރާތެއްގެ ހާއްސަގޮތެއްގައި އާއިލާގެ ކުދިންބެލުމުގެ ޒިންމާ އުފުލާ ފަރާތްތަކާއި މަޝްވަރާކޮށް އަދި މުޖުތަމައުގައި ގެންގުޅޭ ކެއުންބުއިމުގެ އާދަތަށް ބަލައި ސިޓްއޭޝަން އެސެސްމެންޓެއް ހެދި މީގެ ނަތީޖާޔަށް ބަލައިފަ އެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ (ރ،އއ،ށ،ލ) 12 ރަށުގައި މި ސްޓްރެޓެޖިކް ޕްލޭން އިމްޕްލިމެންޓްކްރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.