01 Aug 2019, 12:26
ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދުގައި ހުރި ސާމާނު ނެގުމަށް ދިން ނޯޓިސްގެ މުއްދަތު ހަމަވުމާއި އެކު އެތަނުގައި ހުރި ތަކެތި ނަގައި ބީޗް ހުސް ކުރުމުގެ މަސައްކަތް ހުޅުމާލެ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
ހުޅުމާލޭ ބީޗް ސަރަހައްދުގައި ހަޓް ޖަހައިގެން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެޗްޑީސީ އިން ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ އިއްޔެގެ 3:00 ގެ ކުރިން ބީޗުގައި ހުރި ތަކެތި ނަގައި އެތަން ހުސްކުރަން ޖެހޭނެ ކަމަށެވެ.
އެޗްޑީސީ އިން ބުނީ މިއަދު 3:00 ގެ ކުރިން އެ ސަރަހައްދު ހުސްނުކޮށްފި ނަމަ، ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.
އެޗްޑީސީގެ އެންގުމާއި ހިލާފަށް ބައެއް ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން އެ ސަރަހައްދުގައި ސާމާނު ބަހައްޓާފައިވާއިރު ނޯޓިސްގެ މުއްދަތު ހަމަވެ އެތައް ގަޑިއިރެއް ފަހުން ރޭ ދަންވަރު އެ ތަން ހުސްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ރޭ ދަންވަރުން ފެށިގެން މިހާރު ވެސް ބީޗް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ބީޗްގެ ބައެއް ސަރަހައްދުތަކުގައި ސިމެންތިއާ ގަލުން ރާނާފައި ހުރުމުން ތަން ހުސްކުރުމުގައި ދަތިތަކެއް ކުރަމިވަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ވީ އެންމެ އަވަހަކަށް އެ ތަން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީގެ އޮފިޝަލު ވިދާޅުވި އެވެ.
ހުޅުމާލެ ބީޗް ސަރަހައްދު ބަންދުކޮށް އެތަން ހުސްކުރަން އަންގާފައި ވަނީ އެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާތީ އެވެ.
އެއްވެސް އުސޫލެއް ހަމައެއް ނެތި ހުޅުމާލޭގެ ބީޗް ވިޔަފާރީއަށް ބޭނުން ކުރަމުން އަންނައިރު އެ ތަން ހުސްކުރުމަށް އެޗްޑީސީން މީގެ ކުރިން އެތައް މަސައްކަތްތަކެއް ކޮށް ވަނީ ނާކާމިޔާބް ވެފަ އެވެ.