01 Aug 2019, 11:29
އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތިން ވަނަ އެޑިޝަން ހުޅުވުމުގެ ގޮތުން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ރިލަޔަންސް ޔަންގް ޗޭމްސްއާ ވާދަކޮށް ރާއްޖޭގެ މާޒިޔާ ބަލިވެއްޖެ އެވެ.
އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައި މިއަދު ހެނދުނު ކުޅުނު އެ މެޗުން މާޒިޔާގެ މައްޗަށް އިދިކޮޅު ޓީމުން ކުރި ހޯދީ 1-2 ގެ ނަތީޖާ އަކުންނެވެ. މި މުބާރާތަކީ ރާއްޖޭގެ ޒުވާން އެކެޑެމީ ޓީމެއް މިފަދަ ބޮޑު ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މިއަދު ހެނދުނު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް މާޒިޔާއިންނެވެ. މެޗު ފެށިގެން ކުޑަ އިރަކޮޅެއް ތެރޭ މާޒިޔާގެ މުހައްމަދު ޝިބްތް އެ ޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް އެ ގޯލާ އެކު އިދިކޮޅު ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު އެ ޓީމުގެ ކޮޅަށް އަނބުރާލައިފަ އެވެ.
ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޓީމުން އެ ހާފުގައި އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. އެ ޓީމުން ބައްދަލު ކުރާ ދެވަނަ މެޗު އޮންނާނީ މާދަން ހެނދުނު އެވެ. އެ މެޗުގައި އެ ޓީމުން ބައްދަލު ކުރާނީ ފަސްޓް ކިކް އެސްއެސްއޭއާ އެވެ.
މި މުބާރާތަކީ އިންޑިއާގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު ކަމަށްވާ އިންޑިއަން ސުޕަ ލީގު އަދި އެ ގައުމުގެ ބޮޑެތި ފުޓުބޯޅަ އެކަޑަމީތައް ވެސް ބައިވެރިވާ މުބާރާތެކެވެ.
އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.