އިންޑިއާގައި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ އަނގައިން 526 ދަތް ނަގައިފި އެވެ.

ނޫސްތަކުން ބުނެފައި ވަނީ އެކުއްޖާގެ އުމުރުން ތިން އަހަރުން ފެށިގެން އަނގައިގެ ތެރެއިން ބައެއް ދުޅަވެ، ރިއްސާތީ ޝަކުވާ ކުރާ ކަމަށެވެ. އޭރު ކުއްޖާގެ މައިންބަފައިންނަށް ހީވެފައި އޮތީ އެއީ ދަތް ފަނި ކެއުމުގެ ސަބަބުންވާ ގޮތެއް ކަމަށެވެ.

ނަމަވެސް ޗެންނާއީގައި ހުންނަ ސަވީތާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް އިން ޖުލައި މަހުގެ މެދު ތެރޭގައި ކުރި އޮޕަރޭޝަނަކަށް ފަހު، އެކުއްޖާގެ އަނގައިން އެކި ސައިޒުގެ 526 ދަތް ވަނީ ނަގައިފަ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުން ބުނެފައި ވަނީ، އެ ކުއްޖާގެ އެކްސްރޭ އަދި ސީޓީ ސްކޭން އިން ތިރީ ހިރުގަނޑުގެ ތެރޭގައި ގިނަ އަދަދެއްގެ ދަތްތަކެއް ހުރި ކަމަށް ދައްކާފައިވާ ކަމަށެވެ.

އެހިސާބުން ޑޮކްޓަރުން ވަނީ ވަގުތުން އޮޕަރޭޝަން ކޮށް، ދަތްތައް ނަގަން ޖެހޭނެ ކަމަށް ކުއްޖާގެ ބެލެނިވެރިންނަށް އަންގައިފަ އެވެ. ފަސް ގަޑި އިރަށް ދިގު ދެމިގެން ދިޔަ އޮޕަރޭޝަނަށް ފަހު އެކުއްޖާގެ އަނގަ ތެރެއިން ބަރުދަނުގައި 200 ގްރާމް ހުރި "ސެކް" އެއް ވަނީ ނަގައިފަ އެވެ. ދަތްތައް ފެނުނީ އޭގެ ތެރެއިންނެވެ.

ޑޮކްޓަރުން ގަބޫލު ކުރަނީ އެއީ "ކޮމްޕައުންޑް ކޮމްޕޮސިޓް އޮޑޮންޓޮމާ" އެއް ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު އަންނަނީ ކުރަމުންނެވެ.

އޮޕަރޭޝަނަށް ފަހު އެކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެ އެވެ. ހޮސްޕިޓަލުން އެކުއްޖާގެ އޮޕަރޭޝަން ކޮށްދީފައި ވަނީ ހިލޭ އެވެ.

މިއީ އިންސާނެއްގެ އަނގައިން މިހާ ގިނަ އަދަދެއްގެ ދަތް ފެނުނު ފުރަތަމަ ފަހަރު ކަމަށް ޑޮކްޓަރުން ބުނެއެވެ. 2014 ވަނަ އަހަރު މުމްބާއީގެ ކުއްޖެއްގެ އަނގައިން 232 ދަތް ވަނީ ނަގައިފަ އެވެ.