ވޮޝިންޓަން (އޮގަސްޓް 1) : އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ކަމުގެ މަގާމަށް ކެނެޑާގައި ހުންނަވާ އެމެރިކާގެ ސަފީރާ ކެލީ ޑަވްން ނައިޓް ކްރާފްޓް އައްޔަން ކުރުމުން އެމެރިކާގެ ސެނެޓުން އެކަމަނާއަށް ރުހުން ދީފި އެވެ.

އުމުރުން 56 އަހަރުގެ ކެލީ މިމަގާމަށް އައްޔަންކުރީ، ކުރިން މިމަގާމުގައި ހުންނެވި އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ޑިޕްލޮމެޓެއް ކަމަށްވާ ނިއްކީ ހޭލީ މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު މި މަގާމު ހުސްކޮށް އޮންނަތާ ދިހަވަރަކަށް މަސް ފަހުންނެވެ. އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުން ވަނީ ކެލީއަކީ ޑިޕްލޮމެޓިކް ދާއިރާގެ ތަޖްރިބާ މަދު ބޭކަނބަލެއް ކަމަށް ވިދާޅުވެ ޓްރަމްޕްގެ މި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

ކެލީ ޑަވްން ނައިޓް ކްރާފްޓް އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ކެންޓަކީން ޑިގްރީ ހާސިލް ކުރައްވައިގެން ހުންނެވި ބޭކަނބަލެއް ކަމަށް ވިޔަސް އދ.ގައި ހުންނަވާ އެމެރިކާ ދާއިމީ މަންދޫބު ކަންފަދަ މުހިއްމު މަގާމަކަށް ކުފޫ ހަމަވާވަރުގެ ޑިޕްލޮމެޓިކް ގާބިލްކަމާއި ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޑިމޮކްރެޓުން ދެކެ އެވެ.

ކެލީ ގެ މަސައްކަތު ރެކޯޑް ގޯސް ވުމުގެ ސަބަބުތަކުގެ ތެރޭގައި 15 ޖޫން 2017 ވަނަ އަހަރު ކެނެޑާގައި ހުންނަވާ އެމެރިކާގެ ސަފީރުކަމުގެ މަގާމަށް އެކަމަނާ އައްޔަން ކުރުމަށްފަހު ވެސް އޮޓަވާގައި ހުންނަ އެމެރިކާގެ އެންބަސީގައި މަޑު ނުކުރައްވައި އަބަދު ދަތުރުތައް ކުރައްވަމުން ގެންދެވުމާއި މަސައްކަތަށް ފަރުވާކުޑަވުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކެނެޑާގައި ހުންނަވާ އެމެރިކާގެ ސަފީރަކަށް އައްޔަންކުރި ފަހުން ފާއިތުވި ދެ އަހަރު ތެރޭގައި އެކިތަންތަނަށް އެކަމަނާ 128 ދަތުރު ކުރައްވާފައިވެ އެވެ. މީގެތެރޭގައި ގިނައީ އަމިއްލަ ވިޔަފާރިއާ ގުޅޭ ދަތުރުތައް ކަމަށް ޚަބަރުތައް ބުނެ އެވެ.

ކެލީ ވަނީ އެކިފަހަރު މަތިން ތިން ބޭފުޅުންނާ ކައިވެނި ކުރައްވާފަ އެވެ. އަދި ބައެއް ބޭފުޅުންގެ ކައިރިން ދެފަހަރަށް ވަރިވެ ވަޑައިގެންފައިވެސްވެ އެވެ. ނަމަވެސް ކެލީއަކީ ޓްރަމްޕް ވަރަށް އިތުބާރު ކުރައްވާ ބޭކަނަބަލެކެވެ.

ކެލީ ވަނީ އިރާގާ ދެކޮޅަށް 2003 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ކުރެއްވި ހަނގުޜާމައަށް ތާއީދު ކުރައްވާފަ އެވެ. މީގެއިތުރުން ކެލީ އަކީ ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ޕޮޕިއުލިސްޓް ފިކުރުގެ ވެސް ވަރަށް ބޮޑު ސަޕޯޓަރެކެވެ. (ނޫސްއެޖެންސީތައް)