ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މެންބަރުން ނެގުމަށް މާކްސް ދިން ގޮތާ މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގައި ހިތްހަމަ ނުޖެހުންތައް ބޮޑުވެއްޖެ އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު އަންނަ ސެޕްޓެމްބަރު 9 އަކަށް ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސުމަށް ރައީސް ޝޯޓްލިސްޓް ކުރެއްވި 12 ނަމެއް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވައިފަ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން އޭސީސީއަށް ހަމަޖެއްސޭވަރަށް، 75 މާކުހަށް ވުރެ މަތިން ކޮމިޓީ މަރުހަލާގައި މާކްސް ލިބިފައިވާ ފަސް ބޭފުޅުންނަކީ؛

  1. އިބްރާހިމް ޝަކީލް: 77.718 މާކްސް

  2. އާދަމް ޝާމިލް: 77.284 މާކްސް
  3. ފާތިމަތު އަނޫލާ: 77.264 މާކްސް
  4. މަރުޔަމް ޝިއުނާ: 76.976 މާކްސް އައި
  5. އައިޝަތު އަބްދުﷲ: 75.142 މާކްސް

އެނގިފައިވާ ގޮތުގައި އޭސީސީއަށް ބޭފުޅުން އައްޔަން ކުރަން މާކްސް ދިން ގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މައްސަލަތައް ބޮޑުވީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބޭނުންފުޅުވި ފަރާތްތަކަށް ކޮމިޝަނަށް އައްޔަން ކުރެވޭ ވަރަށް މާކްސް ނުލިބުމުން އެވެ. އެއާ އެކު އެބޭފުޅުން ތުހުމަތު ކުރައްވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ގަސްތުގައި ބައެއް ބޭފުޅުން ކަޓުވާލީ ކަމަށެވެ.

އެ ހިތްހަމަ ނުޖެހުންތައް ބޮޑުވެފައި ވަނިކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބޭފުޅުން ނެގުމުގައި މާކްސް ދޭން ގެންގުޅޭ އުސޫލު އަލުން މުތާލިއާ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެ އުސޫލު ރަނގަޅު ނޫން ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވާހަކަ ދެއްކެވި އެވެ.

"އެ އުސޫލު މި ވަނީ މުތޯލިއާ ކުރަން ޖެހިފައި. މީހުން ނަގާ އުސޫލު ވާން ޖެހޭނީ ހަމަހަމަ އިންސާފުވެރި އުސޫލަކަށް،" އަލީ އާޒިމް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން، މިނިވަން މުއައްސަސާތަކުގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ، މެންބަރުން ނެގުމަށް މާކްސް ދޭން އުސޫލު ވަނީ ވަރަށް ފަހުން ބަދަލުކޮށްފައި ކަމަށާއި އެ އުސޫލަށް މަޖިލީހުގެ ރައީސްގެ ހިޔާލާއި އެކު، ކޮމިޓީގެ ހުރިހާ މެންބަރުން ވެސް ރުހުން ދީފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އެ އުސޫލަކީ މަޝްވަރާ ކުރެވިގެން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ހުރިހާ މެންބަރުންނަށް ވެސް ދެންނެވިފައި ވަނީ ކުރިމަތިލާފައިވާ ފަރާތަކާ ގުޅޭ މައުލޫމާތެއް އޮތްނަމަ ކޮމިޓީއަށް ވެސް ހިއްސާކުރަން،" ރޮޒައިނާ ވިދާޅުވި އެވެ.

އޭސީސީއަށް ހޮވަން ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ނަން އޮތް ނަމަވެސް، އޭނާ ކޮމިޝަނަށް އައްޔަން ކުރެވޭ ވަރަށް މާކުސް ނުލިބި ވަނީ ފެއިލްވެފަ އެވެ. ސަބަބަކަށްވީ، އޭނާއާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލަތަކެކެވެ.