01 Aug 2019, 10:13
ބާލިން (އޮގަސްޓް 1) : ގަލްފަށް ބޭނުންވަނީ ހަނގުރާމައިގެ މަނަވަރުތަކާއި އަސްކަރީ ބާރުތައް ނޫންކަމަށް ވިދާޅުވެ އިނގިރޭސިވިލާތް އިސްވެ އޮވެގެން ގަލްފަށް ފޮނުވާ އަސްކަރީ ބާރުގައި ބައިވެރިވުމަށް އެމެރިކާ އެދުނު އެދުމަށް ޖަރުމަނު ސަރުކާރުން ފާޅުގައި ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ގޮވާލުމަށް ފާޅުގައި ދެކޮޅު ހައްދަވަމުން ޖަރުމަނުގެ ހާރިޖީ ވަޒީރު ހައިކޯމާސް ވިދާޅުވީ އިނގިރޭސިވިލާތް އިސްވެ އޮވެގެން ގަލްފަށް ފޮނުވާ އަސްކަރީ ބާރުގައި ޖަރުމަނު ބައިވެރިނުވާނެ ކަމަށާ ގަލްފުގެ ހަމަޖެހުމާއި އީރާނާ ގުޅިފައިވާ މައްސަލަތަކަށް ބޭނުންވަނީ ޑިޕްލޮމެޓިކް ހައްލެއް ކަމުގައެވެ. އިނގިރޭސީން އިސްވެ ތިބެގެން ގަލްފަށް ފޮނުވާ އަސްކަރީ ބާރު އެކުލަވާލުމަށްޓަކައި އިއްޔެ ބަހްރައިންގައި ބޭއްވި ބައްދަލުވުން ވެސް ޖަރުމަނުން ވަނީ ބޮއިކަޓް ކޮށްފަ އެވެ.
މިމައްސަލާގައި ޖަރުމަނުގެ ނޫސްތައްވެސް ވަނީ އެމެރިކާއަށް ފާޅުގައި ނޫނެކޭ ބުނުމުގެ ވަގުތު އަތުވެއްޖެކަން ބަޔާންކޮށް ޖަރުމަނު ސަރުކާރުގެ މި ފިޔަވަޅަށް މަރްހަބާ ކިޔާފަ އެވެ.
އަނެއްކޮޅު ޔޫރަޕްގެ ބޮޑު އަނެއް ބާރުކަމަށްވާ ފަރަންސޭސިވިލާތްވެސް ވަނީ އެމެރިކާ ފަހަތުގައި އޮވެގެން އިނގިރޭސިވިލާތް ލީޑް ކުރާގޮތަށް ގަލްފަށް ފޮނުވަން އުޅޭ އަސްކަރީ ބާރުގައި ބައިވެރި ނުވާނެކަމަށް ބުނެފަ އެވެ. މިއީ އީޜާނުގެ މައްސަލާގައާއި އެނޫންވެސް ބައިނަލްއަގްވާމީ ގިނަ މައްސަލަތަކުގައި އެމެރިކާ ގެންގުޅޭ ހަރުކަށި އަދި ގޮތްދޫނުކުރުމުގެ ސިޔާސަތު ޔޫރަޕްގެ މަސްލަހަތާ ފުށުއަރާ ކަން މިހާބޮޑަށް ފެންމަތިވެގެން ދިޔަ ފުރަތަމަ ފަހަރެވެ. އެމެރިކާއަށް ކިޔަމަން ނުވުމުގެ ސިޔާސަތެއް ގެންގުޅުމަކީ ދެވަނަ ބޮޑު ހަނގުޜާމައަށްފަހު މިހާތަނަށް ހުޅަނގު ޔޫރަޕްގެ އެއްވެސް ގައުމަކަށް ކުރަން ކެރިފައިވާ ކަމެއްނޫނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީ ޖަރުމަނުބަލިކޮށް ހިޓްލަރު އަނިޔާވެރިކަމުން ޔޫރަޕް ސަލާމަތްކުރުމުގައި އިސްދައުރެއް އަދާކުރުމަށްފަހު އެމެރިކާވަނީ ޔޫރަޕް އަޅުވެތިކޮށް ކޮންޓެއިންކޮށް ޔޫރަޕަށް ބާރާއި ނުފޫޒު ހިންގައި އެމެރިކާގެ ބާރާއި ކޮންޓްރޯލްގެ ދަށަށް ޔޫރަޕް ލާފައެވެ. މި ނުފޫޒުން މިނިވަންނުވެ ޔޫރަޕަށް ދެން މުސްތަގްބަލެއް ނެތްކަމަށް ޔޫރަޕްގެ ގިނަ ގައުމުތައް މިހާރުވަނީ ދެކެންފަށާފައެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޯ މާސް މިހަފްތާގެ ކުރީކޮޅު ވަނީ އީރާނަށް ބިރު ދައްކައިގެންނާއި މެކްސިމަމް ޕްރެޝަރު ކުރިމަތިކޮށްގެން ކަންކަން ކުރަން އީރާނަށް މަޖްބޫރު ކުރުމަށް އެމެރިކާ ގެންގުޅޭ ހަރުކަށި ސްޓްރެޓެޖީ އަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ.
ހައިކޯމާސް ވަނީ އިރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވާ އެކްސްޓްރީމް ޕްރެޝަރު ގެ ސްޓްރެޓެޖީ އަށް ޖަރުމަނުވިލާތުން ދެކޮޅު ހަދާކަމަށާ އެ ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި ޖަރުމަނު ބައިވެރިވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ. ހައިކޯ މާސް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވިނަމަވެސް އެ އެއްބަސްވުން ހިމާޔަތް ކުރުމުގައި ޖަރުމަނު ދެމި އޮންނާނެކަމުގައެވެ. އަދި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ އެގައުމުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށާ އަދި އީރާނާ މުއާމަލާތް ކުރަން އޮތް އެންމެ ރަނގަނޅުގޮތްކަމަށް ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުވެސް ގަބޫލުކުރާ ކަމަށް ހައިކޯމާސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތް ކުރިޔަށް ނެރެގެން ކަނޑުގެ ލަޝްކަރެއް އެކުލަވާލައި އެލަޝްކަރު ގަލްފަށް ފޮނުވަން އެމެރިކާ މަސައްކަތްކުރަނީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް އިރާނުގެ ގޯނާތަކުން ސަލާމަތް ކުރުމުގެ ނަމުގައެވެ. އީރާނާ މުއާމަލާތް ކުރުމުގައި ޔޫރަޕުން ޑިޕްލޮމަސީ ގެ ސްޓްރެޓެޖީ ބޭނުންކުރާއިރު އެމެރިކާ ބޭނުންކުރަނީ ބިރު ދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންފަދަ އެކްސްޓްރީމް ޕްރެޝަރު ގެ ސްޓްރެޓެޖީ އެވެ.
ޔޫރަޕުން އީރާނާ މުއާމަލާތް ކުރުމުގައި ޑިޕްލޮމަސީގެ ސްޓްރެޓެޖީ ބޭނުންކޮށްގެން ޔޫރަޕުންވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއް 2015 ވަނަ އަހަރު ވުޖޫދަށް ގެނައުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް އެ އެއްބަސްވުމުން އެމެރިކާ ވަކިވެ ޓްރަމްޕް ބޭނުންވާ ބަދަލުތަކެއް އެއަށް ގެނައުމަށްޓަކައި އީރާނަށް ބިރު ދައްކައިގެންނާއި ފިއްތުންތައް ކުރުމަތިކޮށްގެން ޓްރަމްޕް ކުރަންއުޅޭ އެއްވެސް ކަމެއް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެ އެވެ.
އީރާނުގެ މައްސަލަ އަކީ އެމެރިކާގެ ރިޔާސީ އިންތިޚާބާވެސް މިހާރު ގުޅިފައިވާ މައްސަލައަކަށްވާތީ އީރާން ގެންދަނީ ޓްރަމްޕަށް ރިޔާސީ އިންތިހާބުގައި ލަނޑު ލިބޭނެގޮތަށް ވަރަށް ވިސްނައިގެން ވަރަށް ފަރުވާތެރިކަމާއެކު ޓްރަމްޕާ ދެކޮޅަށް މިގޭމް ކުޅެމުންނެވެ. މިކަމުގެ ސަބަބުން އީރާނާ މުއާމަލާތް ކުރުމުގައި ޓްރަމްޕަށް ގޮތްހުސްވެ ޓްރަޕް ފޭލްވެއްޖެކަން އެމެރިކާގެ މަޝްހޫރު ބައެއް ނޫސްވެރިންވެސް މިހާރު ގެންދަނީ ފާޅުގައި ބުނަމުންނެވެ.
އީރާން ގެންދަނީ ޓްރަމްޕާ ދެކޮޅަށް "ޓިޓް ފޯ ޓަޓް" ގެ ސްޓްރެޓެޖީ ބޭނުންކުރަމުން އަދި ޓްރަމްޕްގެ ސަރުކާރާ ވާހަކަ ދެއްކުމަށްވެސް ދެކޮޅު ހަދަމުންނެވެ. އުތުރު ކޮރެއާގެ މަސްއޫލުވެރިންނާއެކު ފޮޓޯނަގައިގެން ރިޔާސީ ކޭންޕޭންގައި އޭގެ ބޭނުންކުރުމަށް ޓްރަމްޕް ރާވާފައިވާގޮތަށް އީރާނުގެ މަސްއޫލުވެރިންނާ ބައްދަލުކޮށް ފޮޓޯނަގައިގެން އެމެރިކާގެ އެހެން ރައީސުންނަށް ނުކުރެވޭކަންތައް އޭނާ ކުރާކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެފޮޓޯތައް ދައްކައިގެން ސިޔާސީ ފައިދާ ހޯދުމުގެ ފުރްސަތު ޓްރަމްޕަށް ނުދިނުމަށް އީރާނުގެ ލީޑަރުންވަނީ އަޒުމް ކަނޑައަޅާފަ އެވެ. (ނޫސްއެޖެންސީތައް)