01 Nov 2011, 14:54
ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާ އިން ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒު، ހޮންކޮންގަށް ޓްރޭޑް އެންވޯއީއެއް ހަމަޖައްސައިފި އެވެ.
ޓްރޭޑް އެންވޯއީއެއްގެ ގޮތުގައި ހަމަޖެއްސީ ހޮންކޮންގައި ތަފާތު ވިޔަފާރިތައް ކުރަމުން އަންނަ އައިއެލްކޭ އިންވެސްޓްމަންޓުގެ ފަރާތުން ހޮންކޮންގައި ހުންނަ ޒުމައިލް ރަޝީދު އެވެ.
އެގްރިމެންޓުގައި ސޮއިކުރުމަށް ފަހު ޗެމްބަރުގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ހޮންކޮންއަކީ ވިޔަފާރީގެ މައި މަރުކަޒަކަށް ވުމުން އެ ގައުމުގައި ހުޅުވޭ އޮފީސް މެދުވެރިކޮށް ދިވެހި ވިޔަފާރި ވެރިންނަށް ވިޔަފާރީގެ ފެއާތަކާއި އަދި އެ ގައުމުގައި ވިޔަފާރިކުރުމަށް ހުރި ދަތިތަކަށް ހައްލުތަކެއް ހޯދޭނެ ކަމަށެވެ.
"ބައެއް ފަހަރަށް އެބަ ދިމާވޭ ފޮނުވާ ފައިސާކޮޅު ގެއްލުން ކަހަލަ ކަންކަން. އަދި މިކަހަލަ ގައުމުތަކުގައި އެބަހުރި ބޮޑަތި ވަގު ބާޒާރުތައް. އެކަހަލަ ކަންކަމުން ވިޔަފާރި ވެރިންނަށް ސަލާމަތްވެވޭނީ މިކަހަލަ އޮތޮރައިޒްޑް އެޖެންޓެއް މެދުވެރިވެގެން،" އާސިފް ވިދާޅުވި އެވެ.
ޒުމައިލް ވިދާޅުވީ ހޮންކޮންގައި ދިވެހި ވިޔަފާރިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގާމެންޓްސް އާއި އިލެކްޓްރޯނިކްސް އަދި ކެމިކަލުގެ ވިޔަފާރިން ދިވެހި ވިޔަފާރިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަހަލަ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުން ދާނީ. އެ އިންތިޒާމްތައް ހަމަޖެހިފައި ހުރީ. އަޅުގަނޑު މިހާރު ވެސް ހުންނަނީ އެކޮޅުގައި ބޭސްވެގެން،" ޒުމައިލް ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން ފެށިގެން ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ގާއިމް ކުރަންފެށި އެ ޖަމްއިއްޔާގެ ގޮފިތައް ހަތަރު ގައުމެއްގައި މިހާރު ވެސް އޮޕަރޭޓް ކުރަމުންދެ އެވެ. އެއީ އިޓަލީ، ޖާމަނީ، ތައިލެންޑް އަދި ޗައިނާގެ ދެ ޕްރޮވިންސެއްގަ އެވެ.