19:00


އައިޖީއެމްއެޗްގެ ނަރުހަކަށް ހަމަލާ ދިން މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.


އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގައި ހިދުމަތް ދެމުން އަންނަ ދިވެހި ނަރުހެއްގެ ގައިގައި މިއަދު މެންދުރުފަހު ޖަހައިފައި ވަނީ ހޮސްޕިޓަލްގެ އިމަޖެންސީ ވޯޑުގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހެއްގެ އެހީތެރިއަކު ކަމަށެވެ. ހިދުމަތް ދިނުން ލަސްވާ ކަމަށް ބުނެ އެ މީހާ ވަނީ ނަރުސް ކުއްޖާގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖަހައިފައި ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ ބައެއް ނަރުހުން މިއަދު ބުންޏެވެ.


މި މައްސަލައާ ގުޅިގެން ޑިއުޓީ އަށް ނުކުންނަން ފަސްޖެހިގެން ބައެއް ނަރުހުން އުޅުނު ކަމަށް ވެސް ސަން އެފްއެމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެއީ ދޭތެރެ ދޭތެރެއިން އެ ހޮސްޕިޓަލްގައި ހިނގާ ކަމަކަށް ވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ނަރުހުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި ބައެއް ނަރުހުން ޝަކުވާ ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.


މިއަދުގެ މި ހާދިސާ އާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ސީއީއޯ ޒުބެއިރު މުހައްމަދު ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ފުލުހުން ބުނީ އައިޖީއެމްއެޗްގައި ހިނގި މާރާމާރީއާ ގުޅިގެން އުމުރުން 46 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.