އާދައިގެ މަތިން ކުރިމިނަލް ކޯޓުގެ، ޝަރީއަތުގެ މަޖިލިސް އޮތީ ވަރަށް ހަމަހިމޭން ކޮށެވެ. ޝަރީއަތުގައި މަޖިލީހުން އިވެނީ ގާޒީ ދައްކަވާ ވާހަކަ އާއި ގާޒީ އިޒުނަދޭ މީހަކު ދައްކާ ވާހަކަތަކުގެ އަޑުތައް އެކަންޏެވެ. ޝަރީއަތް ހިނގާ މަޖިލިސް އެހާވެސް ހަމަހިމޭނެވެ.

ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ، ގައިގެ އެތައް މިތަނަށް ވަޅި ޖަހައި އަނިޔާވެރި ގޮތަކަށް މަރާލި، ބްލޮގަރު ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދަށް ހަމަލާދީ މަރާލާފައިވަނިކޮށް އެ މަންޒަރު ފުރަތަމަ ދުށް ފުލުސް މީހާ އޭނާއަށް ފެނުނު މަންޒަރުތައް ހަމަ އެގޮތަށް ޝަރީއަތަށް ގެންދިޔައީ ކިޔައިދެއްވަމުންނެވެ. އޭނާ ކިޔައިދެއްވަމުން ދިޔަ ގޮތުން އެ މަންޒަރުތައް ލޯމަތިން ސިފަވާ ކަހަލަ އެވެ.

ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި މިއަދު ބޭއްވި އަޑު އެހުކަމީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ފަސް ހެކިވެރީންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

އެގޮތުން މިއަދު ހެކިބަސް ދިން ފަސް ހެކިންގެ ތެރެއިން ދެ މީހަކީ ޔާމީން ރަޝީދަށް ހަމަލާދީ މަރާލާފައި އޮތް މ. ސްޕެޓިއުލާގެ އަށް އެންމެ ފުރަތަމަ ދިޔަ ދެ ފުލުހުންނެވެ. -- ހެކިބަސް ނެގުމުގެ ކުރިން، ދައުލަތުގެ އެދުމުގެ މަތިން ފުލުހުންގެ ނަންތައް ހާމަ ނުކުރުމަށް މިއަދުގެ ޝަރީއަތުގައި ތިބި އެންމެހާ ފަރާތްތަކަށް ގާޒީ އެންގެވި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އެ ސީންއަށް ފުރަތަމަ ދިޔަ ފުލުސް މީހާ ބުނީ އޭނާ އާއި އަދި އެހެން ފުލުހަކު އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ ސައިކަލުގައި މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް މާފަންނު ބިސްބުރު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި މީހަކަށް ހަމަލާ ދީފައިވާ ކަމުގެ ރިޕޯޓް އާންމު ފަރާތަކުން ފުލުހުންނަށް ދިނުމާ ގުޅިގެން އެ ސަރަހައްދައް ދިޔަ ކަމަށެވެ. އޭރު ދަންވަރު 3:00 އެހާއިރު ވެދާނެކަން ފާހަގަ ކުރަމުން އެ ފުލުސް މީހާ ބުނީ، އެ ރިޕޯޓާ ލިބުނުތާ ދެ ތިން މިނެޓްތެރޭގައި އެ ސަރަހައްދަށް ގޮސް ރިޕޯޓް ކުރި މީހާ އެކު އެ ގެއަށް ވަންއިރު އެއްވެސް އަލިކަމެއް ގޭގެ ތެރޭގައި ނެތް ކަމަށެވެ.

އެހެންކަމުން ދެ ފުލުހުން ވެސް އެތެރެއަށް ވަނީ ފޯނުގެ ބައްތި ދިއްލައިގެން ކަމަށް އޭނާ ބުންޏެވެ. އިތުރަށް އެވާހަކަތައް ކުރިއަށް ގެންދިއުމުގެ ކުރިން ފުލުސް މީހާ ވަނީ ގާޒީ އަރިހުން އެ ވާހަކަތައް ކިޔައިދޭންވީ ތޯ އައްސަވާފަ އެވެ. އެ ސުވާލު އޭނާ ކުރި ސަބަބެއް ކަމަށް ބުނީ، ޔާމީން ރަޝީދަށް ހަމަލާދީ މަރާލުމާ ގުޅިގެން އޭނާގެ އާއިލާގެ މީހުން ކުރި ހިތާމަ އޭނާއަށް ފެނިފައިވާތީ އެވެ. އަދި އެ މީހުން އެ ވަގުތު ޝަރީއަތުގެ މަޖިލީހުގައި އަޑުއަހަން ވަދެ ތިބުމުން އެވާހަކަތަކުން އާއިލާއަށް އަސަރު ކުރާނެކަން ގާޒީގެ އަރިހު ފުލުސް މީހާ ވިދާޅުވެއްދެއްވި އެވެ. އޭރު ވެސް ގަވާއިދުން އެ މައްސަލަތަކުގެ އަޑުއެހުންތަކަށް ވަންނަމުން އަންނަ ޔާމީން ރަޝީދުގެ މަންމަގެ ލޮލުން ކަރުނަތައް ފައިބަމުންދެ އެވެ.

ނަމަވެސް، ފުލުސް މީހާގެ ސުވާލަށް ޖަވާބު ދެއްވަމުން ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ފެނުނު މަންޒަރު ކިޔައި ދެއްވުމަށް ފުލުސް މީހާއަށް އަންގަވައިފަ އެވެ.

"އަޅުގަނޑުމެން އެ ގެއަށް ވަދެ ފޯނު ބައްތި ދިއްލާލުމުން ފެނުނީ ބަންޑުން އޮތް މީހަކު. ބައިވަރު ލޭ ވެސް ހުރި. މުޅި ހިސާބުގައި ލޭގެ ކޯރުތައް އޮތް،" އަޑުތުރުތުރު އަޅަމުން ފުލުސް މީހާ ކިޔައިދިނެވެ.

"ވެއްޓިފައި އޮތް މީހާ [ޔާމީން ރަޝީދު] ނެގި އިރު އެއްވެސް ހަރަކާތެއް ނެތް. ވިންދު ވެސް ނެތް،"

ފުލުސް އޮފިސަރުގެ ވާހަކަ އެ ހިސާބަށް ދިޔަތަނާހެން، ޔާމީން ރަޝީދުގެ މަންމައަށް ގިސްލަގިސްލާފައި ރޯން ފެށިއްޖެ އެވެ. އަދި ބަޑިފަޅައިގެން ދިޔަ އެވެ. ގާޒީއަށް އެ މަންޒަރު ފެނިވަޑައިގަތް ކުޑަ އިރުކޮޅަކަށް ޝަރީއަތް މެދުކަނޑާލި އެވެ. ގިސްލާ ރޮމުން ދިޔަ ޔާމީން ރަޝީދުގެ މަންމަ ގޮވައިގެން ޔާމީންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ޝަރީއަތް ދޫކޮށް ނިކުތެވެ. އޭނާއަށް ވެސް ހުރީ ރޮވިފަ އެވެ.

ޔާމީން ރަޝީދުގެ މަންމަ ނިކުތުމާއި އެކު ޝަރީއަތުގެ އަޑުއެހުން ގާޒީ އަލުން ފެއްޓެވި އެވެ.

ވާހަކަ ކުރިއަށް ގެންދަމުން ފުލުސް މީހާ ބުނީ ޔާމީންގެ ކަރު ދަށުން ބޮޑުތަންގަނޑެއް ކަފައިގެން ގޮސްފައިވާއިރު މޭ މައްޗާއި ބަނޑުމަތީގައި ތޫނުއެއްޗެއް ހަރާލައިގެން ވަރަށް ފުންކޮށް ޒަހަމްކޮށްލާފައިވުމުން "އެތައް ލޯވަޅެއް" ހެދިފައި ހުރި ކަމަށެވެ. އަދި ޔާމީން ރަޝީދު ލައިގެން ހުރި އަންނައުނު ލެއިން ތައްތެޅިފައިވާއިރު ލައިގެން ހުރީ ގަމީހެއް ކަމެއް ޓީޝާޓެއް ކަމެއް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.

ޔާމީން ރަޝީދު ފެނުމާއި އެކު އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލައިންސް އާއި ފުލުހުންގެ އިތުރު ވެހިކަލަކަށް އެންގި ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އަދި ފުރަތަމަ އައީ ފުލުހުންގެ ވެހިކަލް ކަމާއި އެމްބިއުލައިންސް އައުން ލަސްވުމުން ފުލުހުންގެ ވެހިކަލްގައި ޔާމީން ރަޝީދު ހޮސްޕިޓަލަށް ގެންދިއަ ކަމަށް ފުލުސް މީހާ ކިޔައިދިނެވެ.

ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު އެވެ. ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮތް ޔާމީން ރަޝީދު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް އޭރު އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.