31 Jul 2019, 20:45
މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ ވަނަވަރާއި ކުށުގެ ރިކޯޑް ފުލުހުން ހާމަ ކޮށްފިއެވެ. އެ ފަސް މީހުންވެސް ވަނީ ބޮޑެތި ކުށްތަކުގައި އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި އެ ފަސް މީހުން ހައްޔަރުކުރިއިރު 6.023 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.
ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު ނިސްބަތްވަނީ، އައްޑޫ ސިޓީ ހިތަދުއަށެވެ. އަނެއް ތިން މީހުން ނިސްބަތްވަނީ ހއ. ހޯރަފުއްޓަށެވެ. މި ފަސް މީހުންނަކީ ވެސް މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ފަސް މީހުންނެވެ.
ބޮޑު ޑީލަރު: އަބްދުﷲ އިބްރާހިމް، ސ.ހިތަދޫ / ފިނިފަރު

އަބްދުﷲ އިބްރާހިމް: މަސްތުވާތަކެތީގެ ބޮޑު ޑީލަރު --
އަބްދުﷲ އިބްރާހީމަކީ އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރި ބޮޑު ޑީލަރެވެ. އޭނާ ވަނީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި އަށް ފަހަރު ހައްޔަރުކޮށްފައެވެ. ޖަމާއާތް ހަދައިގެން ރޭޕް ކުރުމުގެ ތުހުމަތުގައި އެއް ފަހަރު ހައްޔަރު ކުރި އިރު، ނުރުހުމުގައި ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އޭނާ ވަނީ އެއް ފަހަރު ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވެގެން ދެ ފަހަރަކު އަދި ގުރޫޕް ހަދައިގެން މާރާމަރީ ހިންގުމުގެ ތުހުމަތުގައި ދެ ފަހަރަކު އޭނާ ހައްޔަރު ކުރިއެވެ.
އަލީ ހަސަން، ސ.ހިތަދޫ / ހުދުވެލި

އަލީ ހަސަން: މީގެ ކރުިން 11 ފަހަރު ހައްޔަރު ކުރި ---
އަލީ ހަސަން ވަނީ މީގެ ކުރިން 11 ފަހަރަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރު އޭނާ ވަނީ ހައްޔަރު ކުރި އެވެ. މާރަމާރީ އާއި ގަސްތުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުން މިއިން ކޮންމެ ކުށެއްގައި އެއް ފަހަރަކު އޭނާ ހައްޔަރު ކުރިއެވެ.
މުހައްމަދު ފައިސަލް، ސ.ހިތަދޫ / ޕޫލްބަހާރު

މުހައްމަދު ފައިސަލް: މީގެ ކރުިން ހަތަރު ފަހަރު ހައްޔަރު ކުރި ---
މުހައްމަދު ފައިސަލް މީގެ ކުރިން ތަފާތު ތިން ކުށުގައި ހަތަރު ފަހަރަކު ހައްޔަރު ކުރިއެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ދެ ފަހަރު، ގައިވާއިދާ ހިލާފު ވެެގެން އެއް ފަހަރު އަދި ގުރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން އެއް ފަހަރަކު އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.
އަހްމަދު ރައޫފު، ހއ.ހޯރަފުށި / ރަންމުލި

އަހްމަދު ރައޫފު: މީގެ ކުރިން ފަސް އަހަރު ހައްޔަރު ކުރި --
އަހްމަދު ރައޫފު މީގެ ކުރިން ފަސް ފަހަރަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައިގައި ތިން ފަހަރަކު ހައްޔަރު ކުރިއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އާއި އަމުރަށް ނުކިޔަމަންތެރިވެގެން މިއިން ކޮންމެ ކުށެއްގައި އެއް ފަހަރަކު އޭނާ ހައްޔަރު ކުރި އެވެ.
އަހްމަދު މަމްދޫހު، ހއ.ހޯރަފުށި / އާރޯ

އަހްމަދު މަމްދޫހު: މީގެ ކުރިން ދެ ފަހަރަކު ހައްޔަރު ކުރި ---
އަހްމަދު މަމްދޫހު މަސްތުވާތަކެތީގެ މައްސަލައިގައި އެއް ފަހަރު އަދި ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައިވެސް އެއް ފަހަރަކު ވަނީ ހައްޔަރުކޮށްފައެވެ. މަމްދޫހުގެ މައްޗަށް 2015 ވަނަ އަހަރު މުލިއާގެ ކައިރިން ބޮން ގޮއްވި މައްސަލަ ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ކުރިއެވެ. ނަމަވެސް ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބަތިލްކޮށް އޭނާ މިނިވަންކޮށްފައެވެ.
ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައގައި ހައްޔަރު ކުރި މީހުންގެ ވަނަވަރާއި ކުށުގެ ރިކޯޑް ފުލުހުން ހާމަ ކުރި ނަމަވެސް، އެމީހުންގެ މައްޗަށް މީގެ ކުރިން ކުށެށް ސާބިތުވެފައިވާ ކަމެއް ފުލުހުން ނުބުނެއެވެ.
ފަސް މީހުންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހާފައެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި މި ފަސް މީހުންވެސް ހައްޔަރު ކޮށްފައިވަނީ، ފުލުހުން ފާރަލަމުން ދަނިކޮށް ރަށަކުން އެ ފަސް މީހުން މާލެއަށް ލޯންޗަކުން އައި ގަޑީގައި މާލޭ ޖެޓީންނެވެ.
މަސްތުވާތަކެތީގެ ހަތަރު ރަބަރު ގަނޑު ފެނިފައިވަނީ އެ ފަސް މީހުންގެ ތެރެއިން މީހެއްގެ ދަބަހުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ފުލުހުން ދިޔައީ އެ ފަސް މީހުންނަށް ފާރަ ލަމުންނެވެ.