01 Nov 2011, 14:50
ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ސަރު ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ، އެމްޑީޕީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ، ކުރި މުޒާހަރާ އަށް ފަހު، އަދި ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގޭ ކައިރީއަށް އެމްޑީޕީ މީހުން އެއްވެ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ބޯފަޅައިގެން ދިޔަ 17 އަހަރުގެ ޒުވާނާ އަށް އިންސާފު ހޯދައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މެންބަރަކު ސިޓީއެއް ފޮނުވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސެއިން އަށް އެޑްރެސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޤަސަމް އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރޭގައި މ. އެނދެރިމާގޭ ހުންނަ ގޯޅިތެރެއިން މުޒާހަރާގެ ބައިވެރިން ދަނިކޮށް މ. އެނދެރިގަސް ހުންނަ އިމާރާތުގެ އެންމެ މަތީ ބުރިން ލަކުޑިބުރިއެއް ހޫރާލި ކަމަށާއި އެ ލަކުޑިބުރިން ޖެހި ގދ. ތިނަދޫ ސެމީ، ހުސެއިން ހަސަން 17، ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިންޑިޔާއަށް ގެންގޮސްފައިވީ ނަމަވެސް ހުސެއިން ހަސަން އަށް އިންސާފު ހޯދައިދިނުމުގެ ކަންތައްތައް ޝަރުއީ ދާއިރާ އިން ގެއްލިފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމްވި ހުސެއިން ހަސަން އަށް އިންސާފު ހޯދައިދިނުމުގެ ފުރުސަތު ހަނިކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްﷲ މުހައްމަދު ކަމަށް ވެސް ޤަސަމް ވަނީ ވިދާޅުވެފަ އެވެ.
ގަސަމް މިއަދު ވިދާޅުވީ އެ މައްސަލައަށް އިންސާފް ހޯދައިދެއްވުމަށް އެދި ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ އެ ހާދިސާގެ ސަބަބުން އޭނާ ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުމުންތަކާ ގުޅިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި 17 އަހަރުގެ ކުއްޖާއަށް އިންސާފު ހޯދައިދެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ޤަސަމް ވިދާޅުވި އެވެ.
"ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ތިނަދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި، އެހެންވެ އަޅުގަނޑުގެ ޤާނޫނީ ވާޒިބެއް ކަމަށް ބަލައިގެން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހެޅީ." ގަސަމް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރަށް ގަސަމް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެންދެރިގަސް މަތިން ހޫރާލި ލަކުޑި ބުރި އެއްލާލި ކަމުގެ ތުހުމަތުގައި ފުލުހުން ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ހައްޔަރުކުރި ކަމަށެވެ. ނަމަވެސް، ޣައްސާންގެ ތަހްޤީޤް ހިންގުމުގެ ފުރުސަތު ނުލިބުނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ހިންގާފައިވާތީ ކަމަށެވެ.
ކްރިމިނަލް ކޯޓުން ޣައްސާން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އަމުރު ނެރުނީ، އޭނާ ފުލުހުން ހައްޔަރު ކުރީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށް ކޯޓަށް ފެންނާތީ އެވެ.
ޣައްސާން މައުމޫން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ސަރުކާރުން ހުށަހެޅި މައްސަލަ ވެސް ވަނީ ބަލައިނުގަތްފަ އެވެ.
ހައި ކޯޓުން ބުނީ ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހޭ ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަމާއި އެޓާނީ ޖެނެރަލަށް، މިހާރުގެ ގާނޫނު އަސާސީގެ ދަށުން ޖިނާއީ މައްސަލަތަކުގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.