ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ލިބުނު ގެއްލުން ކުޑަކޮށްފިއެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ އެކުންފުނީގެ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ދައްކާގޮތުން އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި 14.2 މިލިއަން ރުފިޔާގެ ގެއްލުން ވިއެވެ. ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 45 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

މިމުއްދަތުގައި އެކުންފުނިން 266 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާއިރު ކުންފުނީގެ ވިޔަފާރި ކުރިއަށްގެންގޮސްފައިވަނީ 1.8 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.

އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް އެންމެބޮޑު ގެއްލުމެއްވީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 22 މިލިއަންގެ ގެއްލުމެއްވިއެވެ.

އެމްޓީސީސީ އިން ދަނީ ސަރުކާރާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.