ކުދި ސްކޫލްތަކަށް އިންކުލޫސިވް "ކޯޗުން" ގެ ޚިދުމަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރުމުގެ ހަތަރު ދުވަހުގެ މަސައްކަތު ބައްދަލުވުމެއްވެސްް މިދިޔަ ޖުލައި 7 އިން 10 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އިންކްލޫސިވް އެޑިޔުކޭޝަން ކޯޗުން" ގެ ހިދުމަތް ރާއްޖޭގެ 33 ސްކޫލަކަށް މިއަހަރުގެ ޖުލައި 18 އިން ފެށިގެން ސެޕްޓެމްބަރ ގެ ނިޔަލަށް ފޯރުކޮށްދިނުމަށް ހަމޖެހިފައިވާ ކަަމަށެވެ.

އެ 33 ސްކޫލަކީ އާބާދީގައި ކުދިން މަދު، ނިސްބަތުން އުނގެނުމުގައި ހާއްސައެހީއަށް ބޭނުންވާ ކުދިން ގިނަ އަދި އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންގެ ދަތިކަން ހުރި ސްކޫލް ތަށް ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނަށް ފާހަގަ ވެފައިވާ ސްކޫލްތައް ކަަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިންކްލޫސިވް "ކޯޗުން" ތަމްރީނު ކުރެވުނު ސްކޫލްގެ ދެ ބޭފުޅުންގެ ޓީމެއް (ޓީޗަރުން/ލީޑީން ޓީޗަރުން) އެހީތެރިކަން ބޭނުންވާ ސްކޫލަށް އެއް ހަފްތާގެ މުއްދަތަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހޭދަކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭދަ ކުރާ މުއްދަތުގައި ސްކޫލްގެ ބެލެނިވެރިން، އިސް ވެރިންނާ މުދައްރިސުން އަދި ސްކޫލް ކުދިންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެ ދަތުރުގައި ހިމެނޭ އިތުރު ކަންތައްތައް

  • ސްކޫލްގައި ތިބި އިތުރު އެހީއަށް ބޭނުންވާ ކުދިން ފާހަގަކޮށް މިފަދަ ކުދިންނަށް ޕްރޮގަރާމްތައް ރޭވުން
  • ކިޔަވައިދިނުމުގެ މޮޑެލް ކްލާސްތައް ނަންގަވައި ދެއްވުމުގެ އިތުރުން ކިޔަވައިދުނުމަށް ބޭނުންވާނެ އެކިއެކި ޓީޗިން އެއިޑްސް/ލާނިން މެޓީރިއަލްސް ތައްޔާރުކޮށް ދިނުން
  • ހާއްޞަކޮށް އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވެދޭނެގޮތާ އަދި އުކުޅުތައް ސްކޫލްގެ އެހެން ޓީޗަރުންނަށް ކިޔައިދިނުން