31 Jul 2019, 15:50
ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާވެ، އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ސިނާއަތުން ލިބުނު އާމްދަނީ 100 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު އާންމުކުރި 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު ދެވަނަ ކުއާޓަރުގައި ރިސޯޓު ބުކިންސް ވެސް 86 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.
ޓޫރިސްޓުން އައުން މަދުވެ، އާމްދަނީ ދަށްވުމުގެ ސަބަބުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވެސް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ފެށެނީ އޮކްޓޫބަރު ހިސާބުގަ އެވެ. މިއާއެކު އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށްވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންގެ އަދަދު މަދުވުމަކީ ގޮންޖެހުމެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ދާއިރާގެ ވާދަވެރިކަން ކުޑަކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ޖޫން މަހުގެ ނިޔަލަށް 862،589 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރިއެވެ.