01 Nov 2011, 13:37
ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އިއްޔެ ނަގާފައިވާ ވޯޓުގައި ދިވެހި ރާއްޖެ ބައިވެރިވެފައި ނުވާތީ އަދާލަތު ޕާޓީން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އދ.ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމްއިއްޔާގެ ދާއިމީ މެމްބަރަކަށް ފަލަސްތީނު ބަލައިގަތުމަށް މެމްބަރު ގައުމުތަކުން އިއްޔެ ޕެރިހުގައި ވޯޓު ދިން އިރު އެ ބައްދަލުވުމުގައި ރާއްޖޭގެ ބޭފުޅަކު ނެތުން އެއީ ދިވެހި ސަރުކާރުން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމެއް ކަމަށެވެ.
އަދި ފަރަންސޭސި ވިލާތުގައި ކުރިޔަށް ދިޔަ ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވުމަށް ފަހު ހަމައެކަނި ވޯޓުލީ ބައްދަލުވުމުގައި ބައިވެރިވެފައިނެތުން އެއީ ސަރުކާރުގެ ނިޔަތް ފަލަސްތީނާ ދޭތެރޭގައި ގެންގުޅޭ ގޮތް ހާމަވާ ކަމެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މީގެކުރިން ސަރުކާރުން ބުނަމުން އައީ ދިވެހި ރާއްޖެ ޔޫއެންގައި ވޯޓެއް ލާ ނަމަ ލާނީ ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށޭ. އެކަމަކު އެއީ ސަރުކާރުގެ ވިސްނުން ނޫންކަން މިއޮތީ ހާމަވެފައި. ދިވެހި ސަރުކާރަށް އެނގޭނެ ދިވެހި ރައްޔިތުންގެ ވިންދު ހުންނާނީ ފަލަސްތީނާ އެއްކޮޅަށްކަން. ދިވެހި ރައްޔިތުންގެ ވިންދު ހުންނާނީ މުސްލިމުންނާ އެއްކޮޅަށްކަން،" ޝައިޚް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ވޯޓުގައި ރާއްޖެ ބައިވެރި ނުވީ ބަޔެއްގެ ފިއްތުންތަކަށް ބިރުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ނުވަތަ މުސްލިމް ރައްޔިތުންގެ ވިންދާއި އިޙްސާސް ސަރުކާރުން ބަލައިގަންނަން ބޭނުން ބޭނުން ނުވަނީ ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގެ މިއަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރަށް ގޮވާލަން،" އިމްރާން ވިދާޅުވި އެވެ.
ފްރާންސްގައި ކުރިޔަށް ދިޔަ ކޮންފަރެންސަށް ރާއްޖެ އިން ވަޑައިގަތީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދާއި މިނިސްޓަރުގެ ނައިބް އަބްދުﷲ ނަޒީރެވެ. ކޮންފަރެންސްގައި ބައިވެރިވެ ޝިފާ ވަނީ ތަގްރީރު ވެސް ކުރައްވައިފަ އެވެ. އަދި ފަލަސްތީނު ބަލައިގަތުމަށް މެމްބަރު ހުރިހާ ގައުމަކަށް ގޮވާލައްވާފަ އެވެ.
ނަމަވެސް ފަލަސްތީނު ބަލައިގަންނަން ފެންނަ ނުފެންނަ ވޯޓު ލުމުގައި ބައިވެރިވެވަޑައިނުގަތީ ކީއްވެގެންތޯ ސަން އޮންލައިން ސުވާލު ކުރުމުން މިކަމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި މިނިސްޓަރުގެ ނައިބް ނަޒީރު ވިދާޅުވީ ވޯޓުލުމަށް ބޭއްވި ބައްދަލުވުމަށް ވަޑައިނުގެންނެވުނު ނަމަވެސް ރާއްޖެ އިން ފަލަސްތީނާ އެއްކޮޅަށް ކެމްޕޭން ވެސް ކުރައްވާފައިވާނެ ކަމަށެވެ. އަދި މިމައްސަލަ ވެއްދި ގައުމުތަކުން ގެންގުޅުނު ސްޕޮންސާޝިޕް އެގްރީމެންޓްގައި ވެސް ރާއްޖެ އިން ސޮއި ކުރައްވާފައިވާނެ ކަމަށެވެ.
"މި މައްސަލަ ވެއްދި ގައުމުތަކުގެ ލިސްޓުގައި ވެސް ރާއްޖެ ހިމެނޭނެ. އޭގައި ސޮއި ކުރީ މިނިސްޓަރު ވިދާޅުވެގެން ސީދާ އަޅުގަނޑު. އަދި ފަލަސްތީނާ އެއްކޮޅަށް އެތަނުގައި ކެމްޕޭން ކުރި ގައުމުތަކުގެ ތެރޭގައި ވެސް އެންމެ ފާހަގަ ކުރެވޭނެ އެއް ގައުމަކީ ރާއްޖެ. އެކަމަކު ވޯޓު ލުން ބޭއްވި ބައްދަލުވުމުގައި ރާއްޖެ އަށް ބައިވެރި ނުވެވުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް އާދިއްތަ ދުވަހު މިނިސްޓަރު ވަޑައިގަތުމަށް ކުރިން ވެސް އަންގާފައި އޮތުމުން." ނަޒީރު ވިދާޅުވި އެވެ.
ޔުނެސްކޯގައި ނެގި ވޯޓުގައި ފަލަސްތީނު ބަލައިގަތުމަށް 107 ގައުމުން ވޯޓު ދީފައިވާ އިރު އެކަމާ ދެކޮޅަށް ވޯޓު ދީފައި ވަނީ 14 ގައުމަކުންނެވެ.