31 Jul 2019, 15:33
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް، ސްވިމިން ޕޫލު ހަދާނެ ބިން ލިބިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މިއަދު ޔޫތު މިނިސްޓްރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ވައުދު ފުއްދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިނިސްޓްރީއިން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެކަމަށް ބިމެއް ހޯދުމުގެ މަސައްކަތް މިދިޔައީ ކުރަމުން. މިއަދު އެކަން ވެސް މިއޮތީ ނިމިގެން ގޮސްފައި. މިހާރު ބިން ލިބިއްޖެ،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މިއަދު ސްވިމިން އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލުގެ ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެ ޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވައިފައެވެ.