31 Jul 2019, 15:35
ހުޅުމާލޭގައި ޔޫތު މިނިސްޓްރީ އާއި އެޗްޑީސީ ގުޅިގެން ތަރައްގީކުރި ސްޕޯޓްސް ކޮމްޕްލެކްސްގެ އިމާރާތް ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފަައި ވަނީ މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ސުހައިލް އަހްމަދެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު މަހްލޫފު ވިދާޅުވީ އެއީ ކުރީގެ ސަރުކާރުން ކޮށްފައި އޮތް މަސައްކަތެއް ނަމަވެސް، މަޝްރޫއުގެ ފައިސާގެ ކަންކަން ހައްލު ކުރަން ޖެހުނީ މިސަރުކާރަށް ކަމަށެވެ.
އެގޮތުން އެ އިމާރާތް ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ އެޗްޑީސީ އަށް 15 މިލިއަން ރުފިޔާ ދެއްކުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީގެ ފަރާތުން މިހާރު 15 މިލިއަން ރުފިޔާ އެޗްޑީސީއަށް ދީފައި ޔޫތު މިނިސްޓްރީގެ ދަށަށް މި އިމާރާތް މި ގެނައީ." މަހްލޫފް ވިދާޅުވި އެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. ސާޅީސް މިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކުރީ ބޭރު ކުންފުންޏެއް ކަމަށްވާ އޭޖީޓީ މެނޭޖްމަންޓް، ކޮންސަލްޓިންގް ކޮންސްޓްރަކްޝަން ސާވިސް ލިމިޓެޑަށެވެ.
މިއަދު މިނިސްޓަރު ވިދާޅުވީ އެޗްޑީސީއަށް 15 މިލިއަން ރުފިޔާ ދީގެން ޔޫތު މިނިސްޓްރީއަށް ނަގާފައި ވަނީ އެ މިނިސްޓްރީއަށް ބޭނުންވާ ފެސިލިޓީތައް ކަމަށެވެ.
އަދި މަޝްރޫއަށް އެޗްޑީސީއިން ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް، އެ ކޮމްޕްލެކްސްގައި ހުރި ބައެއް ތަންތަން އެޗްޑީސީއަށް ދޭން ދެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
"ވަރަށް ދުވަސް ވެއްޖެ މިކަމާ ނެގޯޝިއޭޓް ކުރާތާ. އަޅުގަނޑުމެންނަށް ލިބުނު ވަރަށް އަޅުގަނޑުމެން ހިތްހަމަޖެހޭ. ގަބޫލު ކުރަނީ މިއީ ރަނގަޅު ނިންމުމެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ އެތަނުގައި 25 މީޓަރުގެ ސްވިމިން ޕޫލަކާއި ކުޅިވަރުގައި ބޭނުން ކުރެވޭނެ އިތުރު ވަސީލަތްތައް ގާއިމުކޮށްފައި ހުރި ކަމަށެވެ. އަދި އެ ޕޫލް ސްވިމިން އެސޯސިއޭޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ޓްރެކް އާ ދޭތެރޭ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ޓްރެކްގެ މިންތައް ދިމާނުވާ ކަމަށާއި، އެތަން އޮތީ މުބާރާތަކަށް ބޭނުންކުރެވޭ ފެންވަރުގައި ނޫން ކަމަށެވެ.
ޓްރެކްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސީއެސްއާރުގެ ދަށުން އެހެން ކުންފުންޏަކާ އެވެ.