31 Jul 2019, 17:22
ހއ. ބާރަށުގައި ކުއްލި ގޮތަކަށް އެއް އާއިލާއެއްގެ ދެމީހަކު ނިޔާވެއްޖެ އެވެ.
ހއ. ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް މިއަދު "ސަން" އަށް ވިދާޅުވީ ނިޔާވެފައި ވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ދެ މީހުން ކަމަށެވެ.
"ހެނދުނު އަޅުގަނޑު އޮފީހަށް އައިތަނާ އަޅުގަނޑުގެ އަންހެނުން ގުޅާފައި ބުނީ މާލޭގައި ހުންނަ އޭނާގެ ބޭބެ ނިޔާވި ވާހަކަ. ހަމަ އިރުކޮޅަކުން ގުޅާފައި ބުނެފި އޭނާގެ ފަހަރި ވެސް ނިޔާވި ވާހަކަ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އަންހެން މީހާ ނިޔާވި އިރު އޭނާ އެއްވެސް ބައެއްޔެގައި އުޅޭކަން ނޭނގޭ ކަމަށެވެ.
"އެ ރޭ 11:30ގައި ވެސް ހަމަ އޭނާގެ ކުދިންނާ ވާހަކަ ދައްކާ ހެދި، ބަލީގެ ނިޝާނެއް ނުފެނޭ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ ހާދިސާގައި ނިޔާވި ފިރިހެންމީހާގެ މޫނުގައި ޒަޚަމްތަކެއް ވެސް ހުރި ކަމަށެވެ.
"އޭނާ އުޅެނީ ބަޔަކާ ޝެއާ ވެެގެން ކޮޓަރިއެއް ކުއްޔަށް ހިފައިގެން. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައީ ވަރަށް ހެނދުނު. އޭނާ ހޮސްޕިޓަލްއަށް ގެންދިޔައީ ކާކުކަމެއް ވެސް ނޭނގޭ އަދިވެސް. ދެން މީގެ 15 ދުވަސްކުރިން ހުމެއް އައިސްގެން ޓެސްޓްތަކެއް ހެދިކަން އެނގޭ،" ޝަމީމް ވިދާޅުވި އެވެ.
ނިޔާވި ފިރިހެން މީހާއަކީ އޮފިޝަލެއްގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތްކޮށްދިން އަލީ މުހައްމަދު (އައްޔަ) އެވެ. އޭނާ ނިޔާވި އިރު މަސައްކަތް ކުރަމުން ދިޔައީ މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައެވެ.
އަންހެން މީހާއަކީ 65 އަހަރުން މަތީގެ އަންހެނެކެވެ. އަދި ފިރިހެން މީހާގެ އުމުރަކީ 52 އަހަރެވެ.
ނިޔާވި ދެ މީހުން ވެސް ރޭ މަޣުރިބް ނަމާދަށް ފަހު ވަނީ ވަޅުލައިފަ އެވެ.