31 Jul 2019, 14:03
ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
އެ ބިލް މިއަދު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ ތާއީދާއެކުއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ކެނދިކުޅޫދޫ ދާއިރާ މެމްބަރު އަހްމަދު އީސާއެވެ. މެމްބަރު އީސާ ހުށަހެޅުއްވި އިސްލާހަކީ، ޕެންޝަނާ ބެހޭ ގާނޫނުގެ 31 މާއްދާއަށް އިސްލާހުކޮށް، ހައްޖަށް ދިޔުމަށް ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރުމަށެވެ. މިހާރު އެ ގާނޫނުގެ ދަށުން ފަނޑުން ފައިސާ ނެގެނީ 50 ޕަސަންޓަށެވެ.
އެ ބިލް ދިރާސާ ކުރުމަށްފަހު އިޖްތިމާއީ ކޮމިޓީއިން ބިލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ބައެއް ރެކޮމެންޑޭޝަންތައް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ޕެންޝަނާ ބެހޭ ގާނޫނުގެ މަގުސަދު ނުގެއްލޭ ގޮތަށް ގާނޫނު އޮތުމުގެ މުހިންމުކަމާއި، ހައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގުން ހިމެނެއެވެ.
އޭގެ އިތުރުން ހައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރަން ޝަރުތު ހަމަވާނީ މަދުވެގެން 420،000 ރުފިޔާ ސޭވިން އެކައުންޓުގައި ހުރުމުން ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.