01 Nov 2011, 12:35
ރާއްޖޭގެ އިމިގްރޭޝަނާއި މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ދެމެދު އެއްބަސްވެ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ނެކްސްބިޒާ އެކު ވެފައިވާ 39 މިލިއަން ޑޮލަރު ]601 މިލިއަން ރުފިޔާ[ މަޝްރޫއު އެގްރިމެންޓާ އެއްގޮތަށް ކުރިއަށް ގެންދަން ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުން އެގޮތަށް ނިންމީ އެ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދާ ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހު ނެކްސްބިޒް އިން އިމިގްރޭޝަނަށް 30 ދުވަހުގެ ލީގަލް ނޯޓިސްއެއް ފޮނުވާފައި ވަނިކޮށެވެ.
ހަފްތާ އަކު ދެ ފަހަރު ނެރޭ ސަރުކާރުގެ ގެޒެޓުގެ އިއްޔެގެ އަދަދުގައި ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށް ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ މަސައްކަތް ނެކްސްބިޒްއާ އެކު ކުރިއަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެ ނިންމެވުމާ ގުޅޭ ގޮތުން ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ކެބިނެޓުގެ އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ނިންމާފައިވާ ކަމަށާއި އެ ކަން "މިއަދުގެ ހިސާބުގައި ނެކްސްބިޒް"އަށް ވެސް އަންގަވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރުމާއި ނުކުރުން އެއީ އެހެން ކަމެއް. އަޅުގަނޑު އަމަލުކުރާނީ ކެބިނެޓުގެ ނިންމުމާ އެއްގޮތަށް،" ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހެސެއިން އިބްރާހިމް އެ މަގާމުގައި ހުންނެވި އިރު ނެކްސްބިޒް އާ ހަވާލުކުރި 39 މިލިއަން ޑޮލަރު ]601 މިލިއަން ރުފިޔާ[ގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓުގެ މަސައްކަތް ހުއްޓުވާފައި ވަނީ، އެ ޕްރޮޖެކްޓްގައި ކޮރަޕްޝަންގެ އަމަލުތަކެއްވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން މި އަހަރުގެ ޖެނުއަރީ މަހު، އެ މަޝްރޫއު އަލުން ބީލަމަށް ލުމަށް ނުވަތަ ކެބިނެޓުން ނިންމާ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް އެންގުމުންނެވެ.
އެ ޕްރޮޖެކްޓްގެ އެގްރިމެންޓް އިސްލާހުކޮށްގެން ކުރިއަށް ކުރިން ކެބިނެޓުން އެންގައި ހުއްދަ ދިން ނަމަވެސް، އިމިގްރޭޝަނުން މިހާތަނަށް އޮތީ އެ މަޝްރޫއު ނުހިންގައި މަޑުކޮށްލައިގެންނެވެ.