31 Jul 2019, 15:02
ވިޔަފާރީގެ އުސޫލުން ގަވާއިދާ ހިލާފަށް ކުނި ނަގާ މީހުންގެ މައްސަލަ ބޮޑުވެ، ވެމްކޯއިން ނަގާ ގޭޓްފީ ބޮޑުކޮށްފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޭބީސީތަކާއި ވިޔަފާރިތައް އަދި މުއައްސަސާތަކުގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތް އަމިއްލަ ފަރުދުންނާއި، ޓެކްސީ ޕިކަޕް އަދި ލޮރީ ފަދަ އުޅަނދުތަކުން ގަވާއިދާއި ހިލާފަށް ފޯރުކޮށްދެމުން ގެންދާ މައްސަލަ ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އިން މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހަމައެކަނި ފަރާތަކީ ވެމްކޯ އެވެ.
އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކަށް އެފަދަ އުޅަނދުތަކަށް ކުނި އުކާލެވޭނީ ގޭޓު ފީގެ ގޮތުގައި ޓަނަކަށް 750 ރުފިޔާ ދައްކައިގެންނެވެ.
އެ ފީ ނަގަން ހަމަޖެހިފައި ވަނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ކުނި އުފުލައިގެން ގެންދާ އުޅަނދުގެ ބަރުދަނަށް ބަލައި ނަގުދު ފައިސާއިންނެވެ. އަދި ހިދުމަތް ހޯދާ ކޮންމެ ފަހަރަކު އެގޮތަށް ފީ ނަގަމުން ގެންދާނެ ކަމަށް ވެމްކޯގެ ބަޔާނުގައިވެ އެވެ.
މާލެ ސަރަހައްދުގެ ކުނި ނެގުމާއި، އެކުނި ތިލަފުއްޓަށް ކަނޑުމަގުން އުފުލުމާއި، ތިލަފުށީގައި އެކުނި މެނޭޖްކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާއިރު، އަދި ގަވާއިދާއި ހިލާފަށް ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ސަބަބުން ވެމްކޯގެ މާލީ ހާލަތަށް ގެއްލުންވެ، ދެމެހެއްޓެނިވި އުސޫލެއްގައި ކުނި މެނޭޖުކުރުމަށް ގިނަގުނަ ހުރަސްތަކެއް އެޅިގެންދާ ކަމަށް ވެމްކޯ އިން ބުނެ އެވެ.
ވެމްކޯ އިން ބުނީ ވިޔަފާރި ކުރަމުންދާ ފަރާތްތަކުން އެ ވަންނަނީ އެ ކޯޕަރޭޝަންގެ ވިޔަފާރި މަސްލަހަތަށް ކަމަށާއި ކޯޕަރޭޝަންގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރަމުންދާނެ ކަމަށެވެ.