31 Jul 2019, 13:18
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ތަނބެވެ. ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ގައުމީ ބޭންކަށް މިހާރު ދިއްކުރެވޭ އިނގިއްޔަކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބޭންކަށް ދިއްކުރެވޭ އިނގިއްޔެވެ. ބޭންކުގެ އަހަރީ އާންމު ޖަލްސާއާ ދިމާކޮށް އިއްތިފާގަކުން ވިޔަސް މި އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމާމެދު އެންމެ ކަންބޮޑުވާ އެއްބަޔަކީ ބީއެމްއެލްގެ އާންމު ހިއްސާދާރުންނެވެ. އެމީހުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ރޭގެ އަހަރީ އާންމު ޖަލްސާގައި ވަނީ ބޭރުކޮށްފަ އެވެ.
ރޭގެ ޖަލްސާގައި ހިޔާލު ފާޅުކުރި ހިއްސާދާރެއްކަމަށްވާ އަބްދުﷲ ސޯލިހު ބުނީ އޭޖީއެމް ބޭއްވިގެން މިދިޔައީ ވަރަށް ނެގެޓިވް ވިސްނުމެއްގެ ތެރޭގައި ހިއްސާދާރުން ތިއްބައި ކަމަށެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ވެސް ފެނިގެން ދިޔަ މަންޒަރެއް. އެދުވަސްވަރުގައި ދިމާވި މައްސަލައަކީ ބޭންކް ކޮލެޕްސް ނުވީ ހަމަ ކިރިޔާ. ހަމަ އެތަން އަސްލު ކޮންމެވެސް ގޮތަކުން ދިމާލަކުން އެނބުރިގެން އައިސް އަޅުގަނޑުމެންނަށް މި ޖެހެނީ،"
އަބްދުﷲ ސޯލިހު ބުނީ މިހާރު ފެނިގެންދަނީ ވަކި މީހަކަށް ޓާގެޓް ކޮށްގެން އޭނާ ކަންބަޅިއެއްގެ ގޮތުގައި ކަތިލަން އުޅޭ މަންޒަރުކަމަށެވެ.
"މިއަށް އަސްލު ރައްދު ދިނުމުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ، 'ވީ ވާ އަ ބިޓް ސްލޯ' އެކަން އެހެން ދިމާވީ ކީއްވެތޯ؟،" ބޭކްކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ވާހަކައަށް އިޝާރާތްކޮށް، އޭނާ ބުންޏެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެން ހިއްސާދާރެއް ކަމަށްވާ އަބްދުﷲ އަބްދުއްރަހީމް ވަނީ ބޭންކުގެ ރިޒާވްގައި ހަތަރު ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި ޖެނެރަލް ރިޒާވްގައި 3.5 ބިލިއަން ރުފިޔާ ހުރި އިރު ބޯނަސް ދިނުމުގެ ވިސްނުން ގެންގުޅޭތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލު އެގޮތަށް ކުރަންޖެހުނީ މީގެ ކުރިން ވެސް ބޯނަސް ދީފައިވަނިކޮށް ބޭންކަށް ދިމާވި މާލީ ދަތިތަކާ އެކު ރިޒާވުން ވަރަށް ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާތީ ކަމަށް އޭނާ ބުންޏެވެ.
"އަނެއްކާ ވެސް ބެރެއް ޖަހަމުން މިއަންނަނީ ހިނގާފައިވާ ކަންތައްތަކެއްގެ ސަބަބުން ބިލިއަނެއްހާ ރުފިޔާ ބީއެމްއެލްގެ ތެރެއިން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު،"
އެމްއެމްޕީއާރުސީގެ ލާރި ބޭންކުގެ ތެރެއަށްވަދެ، މަނީލޯންޑާ ކުރިކަމުގެ ތުހުމަތާ ގުޅިގެން ބޭންކުގެ ބޮލުގައި އެކަން އެޅި ބޭންކުގެ ރިޒާވުގެ ތެރެއިން އެ ލާރި ގެއްލިގެންދާން ހިއްސާދާރުން ބޭނުން ނުވާކަމަށް އަބްދުﷲ ބުންޏެވެ.
ނޮޓް ނެގޯޝިއަބްލް ޗެކުތަކެއް ބީއެމްއެލް އިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިކަން ބޭންކުގެ އޮޑިޓުން ފާހަގަވެފައި ނުވާކަމަށް ހިއްސާދާރެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޗެއާޕާސަން ސައީދާ އުމަރު ރޭ ފާހަގަ ކުރެއްވި އެވެ.
ސައީދާ ވިދާޅުވީ އެ މައްސަލަ އާ ގުޅޭ މައުލޫމާތު ހޯދުމަށް ރެގިއުލޭޓަރުންގެ ކިބައިންނާއި އެހެން ބޭންކުތަކުން އެދިފައިވާ ކަމަށެވެ. މިހާތަނަށް އެ މައުލޫމާތު ފޯރުކޮށްދިނީ ބޭންކް އޮފް ސިލޯނުން ކަމަށާއި ބޭންކް އޮފް ސިލޯނުން ލިބުނު މައުލޫމާތަށް ބަލާ އިރު އެއިން އެއްވެސް ޗެކަކީ ނޮޓް ނެގޮޝިއެބްލް ޖަހާފައިވާ ޗެކުތަކެއް ނޫން ކަމަށް ސައީދާ ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް ބައެއް ހިއްސާދާރުންގެ ވާހަކައަކީ ހިޔާނަތުގައި ބެންކުގެ އެތެރެއިން އިހުމާލު އޮތް ކަމުގެ ވާހަކައެވެ. ރޭގެ ޖަލްސާގެ އިތުރުން 2017 އަދި 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް އެމްއެމްޕީއާރުސީގެ މައްސަލާގައި ބީއެމްއެލްގެ ބޯޑާ ސުވާލުތައް ކުރިމަތި ކުރެވުނު ކަމަށާއި ނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް ބޯޑުން ދީފައި ނުވާކަމަށް ބައެއް ހިއްސާދާރުން ފާހަގަ ކުރި އެވެ.
ބޭންކުގެ ހިންގާ ގަވައިދަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވޭތޯ ރޭގެ ޖަލްސާގައި ހިއްސާ ދާރަކު ސުވާލުކުރުމުން ޗެއާޕާސަން ވިދާޅުވީ އެފަދަ އިސްލާހެއް އެބައޮތް ކަމަށެވެ. ބޭންކުގެ ތެރެއަށް އަތްބާނަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ ވެސް ބައެއް ހިއްސާދާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަލަށް އައްޔަނު ކުރެވޭ ބައެއް ޑިރެކްޓަރުންނަކީ ފަސްބައި ސާފު ބައެއް ނޫން ކަމަށް ބުނި ހިއްސާދާރުން ވެސް ރޭގެ ޖަލްސާގައި ފާހަގަ ކުރެވުނެވެ. ހިޔާނާތުގެ މައްސަލައާ ގުޅުން ހުރި ބޭފުޅުން ބޯޑަށް ވަޑައިގަތުމަކީ މަސްލަހަތު ފުށޫއަރާނެ ކަމެއް ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.