ހުޅުމާލެ ބީޗު ސަރަހައްދު ބަންދުކޮށް، ބީޗުގައި ބަހައްޓާފައި ހުރި ތަކެތި ނަގަން ހުޅުމާލެ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވައިފި އެވެ.

އެޗްޑީސީއިން ހުޅުމާލޭ ބީޗް ސަރަހައްދުގައި ހަޓް ޖަހައިގެން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އެޗްޑީސީ އިން މިއަދު ފޮނުވާފައިވާ ނޯޓިސްގައި ބުނެފައި ވަނީ މިއަދު 15:00ގެ ކުރިން ބީޗުގައި ހުރި ތަކެތި ނަގައި އެތަން ހުސްކުރަން ޖެހޭނެ ކަމަށެވެ.

ހުޅުމާލެ ބީޗް ސަރަހައްދު ބަންދުކޮށް އެތަން ހުސްކުރަން އަންގާފައި ވަނީ އެ ސަރަހައްދުގައި ކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާތީ އެވެ.

އެޗްޑީސީ އިން ބުނީ މިއަދު 15:00ގެ ކުރިން އެ ސަރަހައްދު ހުސްނުކޮށްފި ނަމަ، ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށެވެ.

އަދި އެ މަސައްކަތުގައި މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.