31 Jul 2019, 12:46
އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގައި ލ.ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތުގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްގައި އަށް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ހަމްދޫންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތީ މި މައްސަލައިގެ އެންމެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. މި އަޑުއެހުމުގައި ވަނީ އާގިލްއަށް ކުރާ ދައުވާ އިއްވައިފަ އެވެ.
ދައުވާގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ ވ. ފެލިދޫއިން މާލެ އައި ސްކަލް ރައިޑާ ލޯންޗުން އާގިލް ފޭބި ތަނުން، އެ ސަރަހައްދުގައި އެވަގުތު ހުރި ހަމްދޫން ވަނީ އާގިލްއަށް ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. އަދި އޭނާ ދިން ހަމަލާއިން ލިބުނު އަނިޔާތަކުގެ ސަބަބުން އާގިލް މަރުވި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާއަށް ހަމްދޫން މިއަދު ވަނީ އިންކާރުކޮށްފަ އެވެ. އިންކާރު ކުރި ސަބަބު ބަޔާންކުރަމުން އޭނާގެ ވަކީލު އިބްރާހިމް ރަމީޒް ވިދާޅުވީ، އާގިލް މަރާލި މައްސަލައަކީ ހަމްދޫންއާ ގުޅުން ހުރި މައްސަލައެއްވެސް ނޫން ކަމަށެވެ. އާގިލް މަރާލި އިރު ހަމްދޫން ހުރީ ވިލިމާލޭގައި ކަމަށާއި، އޭނާ ވިލިމާލޭގައި ހުއްޓާ ފުލުހުން ހިފަހައްޓާފައިވެސް ވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެކަން ތަހުގީގުގައި ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށްވެސް ވިދާޅުވި އެވެ.
އާގިލްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހަޅާ ހެކިން ހާމަކުރުމުގެ ކުރިން، ދައުލަތުގެ ފަރާތުން ވަކީލު އަފްރާހު ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފަ އެވެ. އޭނާ ސިއްރުކުރަން އެދުނީ ހެކިބަސްދޭ ބައެއް ހެކިވެރިންނެވެ. ސަަބަބެއްގެ ގޮތުގައި ވިދާޅުވީ، ހެއްކަށް ނުފޯޒު ފޯރުވުން ނުވަތަ ހެކި ނައްތާލުމުގެ ފުރުސަތު އޮތުމެވެ. ގާޒީ ނިންމެވީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރުމަށެވެ.
މައްސަލަ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ފުލުހުންގެ ވީޑިއޯ އެނަލިސިސް ރިޕޯޓާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓު ތައްޔާރު ކުރި އޮފިސަރުން، ހެކިވެރިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އާގިލްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރި އޭޑީކޭ ހޮސްޕިޓަލުގެ އޮފިޝަލުންވެސް ވަނީ ހެކިވެރިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން، ދައުލަތުން ވަނީ އާގިލް މަރާލި އިރު އެމްއެމްއޭ ސަރަހައްދުން ހަމްދޫން ފެނުނުކަމާއި ހަމަލާދިންކަން ސާބިތު ކުރުމަށް ހެކިވެރިން ހުށަހަޅައިފަ އެވެ. އަދި ވޭނެއްގެ ތެރޭގައި އޭނާ އިންދާ ފެނުނު މަންޒަރާއި، ވޭނުގެ ތެރޭގައި ހުރެފައި ބާރު ބާރަށް ގޮސް ގެއަކަށް ވަން މަންޒަރު ފެނުނު ކަމަށް ބުނާ ހެކިވެރިއަކުވެސް ވަނީ ހުށަހަޅައިފަ އެވެ. އާގިލް މަރާލި ފަހުން ހަމްދޫން ވިލިމާލޭ ޓާމިނަލުގައި ވަރަށް ހާސްވެފައި ހުރި މަންޒަރު ފެނުނު ކަމަށް ބުނާ މީހަކުވެސް ވަނީ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ހަމްދޫން ވިލިމާލެއަށް ދިޔައީ އާގިލް މަރާލި ފަހުންކަން ސާބިތުވާނެ ހެކިތައް ދައުލަތުން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުގެ ފަރާތުން ވަކީލު މުހައްމަދު އަފްރާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމްދޫން ވިލިމާލެއަށް ދިޔައީ، އާގިލް މަރާލުމަށް ފަހު ސަައިކަލެއްގައި ފެރީ ޓާމިނަލަށް ގޮހެވެ. އާގިލް މަރާލީ ހަމްދޫންކަން ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި ހިމެނޭ ވީޑިއޯ އެނަލިސިސް ރޮޕޯޓުންވެސް ސާބިތުވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މި މައްސަލައިގައި މިއަދު ހަމްދޫންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ނުވެ އެވެ. އޭނާގެ ވަކީލު ރަމީޒް ވިދާޅުވި، ގޮތުގައި، އާގިލް މަރާލި އިރު ހަމްދޫން ހުރީ ވިލިމާލޭގައިކަން ސާބިތު ކުރަން ހެކި ހުށަހަޅަން އޭނާ ބޭނުންވެ އެވެ. އެހެން ހެއްކެއްގެ ވާހަކައެއް އޭނާ ނުދައްކަ އެވެ. އެކަމަށް 10 ދުވަހުގެ މުއްދަތަކަށް ރަމީޒް އެދިވަޑައިގެންނެވި ނަމަވެސް، ދައުލަތުން އެ މުއްދަތު މާ ދިގު ކަމަށް ބުނެ އިއުތިރާޒު ކުރުމުން ގާޒީ ވަނީ ރަމީޒްއަށް ހެކި ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައި ގާޒީ ވިދާޅުވީ، މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަދެއްކުން ކަމަށެވެ. އަދި އެ ހުށަހެޅުންތައް ހުށަހަޅަން ހަމްދޫންއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލައިގައި ދެން އޮންނަ އަޑުއެހުން އޮންނާނީ ސެޕްޓޭމްބަރު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.