31 Jul 2019, 12:19
ތެލުގެ ވިޔަފާރި ކުރިއަރައި، އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 2.38 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އެސްޓީއޯ އިން އިއްޔެ ނެރުނު އެކުންފުނީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ އޭޕްރިލް، މޭ އަދި ޖޫން މަހުގެ ތެރޭގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ޖުމްލަ 2.382 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި 2019 ވަނަ އަހަރަކީ އާމްދަނީގެ ގޮތުން އެސްޓީއޯ އަށް އާދަޔާ ޚިލާފަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި ދެވަނަ ކުއާޓަރަކީ މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ އާމްދަނީ އިތުރުވި މުއްދަތެއް ކަމަށް ބުނެފައިވެ އެވެ.
"ދެވަނަ ކުއާޓަރުގައި އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާ އިރު 38 މިލިއަން ރުފިޔާ އިތުރުވެފައި. އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ކޮންޓްރިބިއުޓަރަކީ ތެލުގެ ވިޔަފާރި،" އެސްޓީއޯ އިން ބުނެފައިވެ އެވެ.
ތެލުގެ ވިޔަފާރިން އަމްދަނީ އިތުރުވި ނަމަވެސް، ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ވަނީ 14 ޕަސަންޓު ދަށްވެފަ އެވެ. އެހެން ނަމަވެސް ވިޔަފާރީގެ އެހެން ދާއިރާތަކުން ފައިދާ އިތުރުވި ކަމަށް ދައްކަ އެވެ.
ހަރަދުތަކާއި ޓެކްސް ކެނޑުމަށް ފަހު އެކުންފުންޏަށް ދެވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ ފައިދާއަކީ 81 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާއިރު، އާމްދަނީގެ ގޮތުގައި 2.344 ބިިލިއަން ރުފިޔާ ލިބުނު އިރު، ފައިދާއަކީ 104 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ދެބައިކުޅަ އެއްބައި ފާއިތުވެ ގޮސްފައިވާ އިރު، އެ މުއްދަތުގައި ޖުމްލަކޮށް އެސްޓީއޯއަށް ލިބުނު ފައިދާއަކީ 184.6 މިލިއަން ރުފިޔާ އެވެ.