31 Jul 2019, 12:02
މިއަހަރުގެ އަމީރުލް ހައޖްުގެ ގޮތުގައި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރު ރާއްޖެއިން ހައްޖަށްދާ ހާޖީންގެ ކަންތައް ބެލެހެއްޓުމަށް އެންމެ އިސްކޮށް ހުންނަވާނީ ޕްލޭނިން މިނިސްޓަރު އަސްލަމް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާފައިވާއިރު އެންމެ ފަހު ގްރޫޕު ފުރާނީ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުއެވެ.
ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 2000 ކޯޓާ ލިބިފައިވާއިރު ހައްޖު ކޯޕަރޭޝަނުގެ އިތުރުން ޒައީ ގުރޫޕާއި ތަޒްކިޔާ ގްރޫޕު އަދި ހަރަމައިން އާއި މިނާ އަދި އެކްރޯގެ ހަވާލުގައި މިއަހަރު މީހުން ހައްޖަށް ދާނެއެވެ.
ހައްޖުވެރިން އެއާޕޯޓަށް ދިޔުމަށާއި އެމީހުން ފުރުވަންދާ އާއިލާ އާއި ރައްޓެހިންނަށް ސަރުކާރުން ވަނީ އެއާޕޯޓަށް ދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެއްވައިފައެވެ. އެގޮތުން އެމްޓީސީސީ އާއި އެމްޕީއެލް ބަހުގައި ހައްޖުވެރިންނާއި އެމީހުން ފުރުވަންދާ މީހުން ހިލޭ ހުޅުލެއަށް ގެންގޮސްދެއެވެ.
ހައްޖު ދުވަސް ދިމާވަނީ އޮގަސްޓު10 ވާ ހޮނިހިރު ދުވަހާއެވެ.