މިހާރަށްވުރެ ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމާއެކު ޕޭމެންޓް އެޕްލިކޭޝަނެއް ތައާރަފު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުވެއްޖެ އެވެ.

ރޭ ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކާ އަލަށް ހަވާލުވެ ވަޑައިގެންނެވި ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ ޓެކްނޮލަޖީ އާއި އިނޮވޭޝަންގެ އާ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަކީ ބޭންކުގެ އަމާޒުކަމަށެވެ.

"އަލަށް ތައާރަފު ކުރާ ޕޭމެންޓް އެޕަކީ މިހާރަށްވުރެ ފަސޭހައިން ޕޭމެންޓުތައް ހަދާލެވޭނެ އެޕެއް،" ކިޔުއާރުކޯޑު ބެނުންކޮށްގެން ޕޭމެންޓު ހެދޭނެ އެޕްލިކޭޝަނެއް ތައާރަފުކުރުމާ ގުޅޭގޮތުން ސީއީއޯ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ބޭންކަށް ގޮސްގެން ބޭންކިން ހިދުމަތް ހޯދަން ޖެހޭ އޮންނަ އުސޫލު ބަދަލު ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިސްލާމިކްގެ ހުރިހާ ހިދުމަތެއް މިހާރު އެ ބޭންކުގެ ހުރިހާ ބްރާންޗަކުން ލިބޭނެ ކަމަށާއި ބީއެމްއެލް އިސްލާމިކް އަށް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް އައި ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ބޭންކް އިން މަސައްކަތް ކުރާނީ ޝަރީއާ ހުއްދަ ކުރާ ޕްރޮޑަކްޓުތަކާއެކު ބީއެމްއެލް އިސްލާމިކް ގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ތައާރަފުކުރި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ކަމަށާއި ބޭންކުގެ ޑޮލަރު ބުކް ކުރުމުގެ ޕްލެޓް ފޯމަށްވެސް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ޓިމޮތީ ވިދާޅުވި އެވެ. ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކުރައްވާ އާ ސީއީއޯ ވިދާޅުވީ މިދިޔަ އަހަރު އެ ބޭންކުގެ ހިދުމަތްހޯދާ ކަސްޓަމަރުން އޮންލައިންކޮށް ހެދި ޓްރާންސެކްޝަންތަކުގެ އަދަދު 40 މިލިއަނަށް އަރާ ކަމަށެވެ.