31 Jul 2019, 11:50
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކުން މާލޭގައި ފަސް ވަނަ އޭޓިއެމް ސެންޓަރެއް ހުޅުވައިފި އެވެ.
މ ފާމުދޭރިގޭގެ ގްރައުންޑް ފްލޯ ބަންޑާރަ މިސްކިތް ކުރިމައްޗަށްވާ ގޮތަށް އޯކިޑް މަގުގައި އެ އޭޓިއެމް ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އެންޑް ސީއީއޯ އަބްދުލް މުހައިމިން އެވެ.
އޭޓިއެމް ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން މުހައިމިން ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ އޭޓިއެމް އަކީ އެމްއައިބީގެ 13 ވަނަ އޭޓީއެމް އައުޓްލެޓް ކަމަށެވެ. އަދި އެކި އަތޮޅުތަކުގައި ވެސް އެމްއައިބީގެ އޭޓިއެމްގެ އައުޓްލެޓްތައް ހުޅުވިފައިވާ ކަމަށެވެ.
"ގިނަ އޭޓިއެމްތަކެއް ހުޅުވިގެން ދިޔުމުން އާންމުންނަށް ވެސް ފަސޭހަވާނެ. ތޮށްޖެހުން މަދުވެގެންދާނެ. ފަސޭހައިން ހިދުމަތްތައް ލިބިގެންދާނެ. ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރާނަން. ހަމައެކަނި އޭޓިއެމްތަކަށް އެކަންޏެއް ނޫން،"

އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރ އެންޑް ސީއީއޯ އަބްދުލް މުހައިމިން ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
މިއަދު ހުޅުވިގެންދިޔަ އޭޓީއެމް ސެންޓަރުން މި ވަގުތު ހަމައެކަނި ފައިސާ ނެގުނު ނަމަވެސް އަވަސް މުސްތަގްބަލެއްގައި އެ އޭޓިއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތްދެވިގެންދާނެއެވެ.
އޯކިޑް މަގުގައި ހުންނަ އޭޓިއެމް އިން ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ އިތުރުން ފައިސާ ކާޑުގެ ޕިން ބަދަލުކުރުމުގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ. އަދި އެމްއައިބީގެ އެހެން އޭޓިއެކްތަކެކޭ އެއްގޮތަށް މި އޭޓިއެމް އިން ވެސް 24 ގަޑިއިރު ހިދުމަތް ލިބޭނެއެވެ.
އިސްލާމިކް ބޭކުން މިހާރު ވަނީއިންފިޓީ ޕޯޓަލްމެދުވެރިކޮށް އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެކަމާ ގުޅިގެން އަބްދުލް މުހައިމިން ވިދާޅުވީ ކޮންމެ ފަރުދަކަށް ވެސް އިސްލާމިކް ބޭންކުގެ ހިއްސާދާރަކަށް މިހާރުވެވިދާނެ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

މިއަދު ހުޅުވުނު އޭޓިއެމްގައި ހިދުމަތްދެނީ--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
"އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ. އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ކޮންމެ ހިސާބެއްގައި ހުރިކަމުގައި ވީނަމަވެސް ހިއްސާ ގަނެވޭނެ. މިހާތަނަށް ވަނީ 10 މިލިއަން އަށް ވުރެ ގިނަ ހިއްސާގަނެފައި،"
އިންފިނިޓީ ޕޯޓަލް އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަންބަރު 4004141 އާ ގުޅުން އިސްލާމިކް ބޭންކުން އެދެއެވެ.
އިސްލާމިކް ބޭންކުގެ އާ ދެ އޭޓީއެމް އެއް އަމީނީމަގުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ ހުޅުވާލައިފައެވެ.