އާސެނަލް އަށް ކޮންމެފަދަ ޓީމެއްވެސް ބަލިކުރެވޭނެ ކަމަށް ކުޅުންތެރިން މިހާރު ގަބޫލުކުރާ ކަމަށް އެކުލަބުގެ އިނގިރޭސި ފޯވާޑް ތިއޯ ވަލްކޮޓް ބުނެފި އެވެ.

މީގެ އިތުރުން އެކުލަބަށް ކުރިމަތި ވަމުން ދިޔަ ކަޅު ދުވަސްތަކުން އަރައި ގަނެވިފައިވާ ކަމަށް ވެސް ވަލްކޮޓް ގަބޫލު ކުރެއެވެ.

މިސީޒަނުގެ ކުރިން އައި ޓްރާންސްފާ ގައި އާސެނަލް އިން ސެސް ފެބްރިގާސް އާއި ސާމިރު ނަސްރީ ވަކިވުމުން އެކުލަބުގެ މެދުތެރެއަށް ބޮޑު އުނިކަމެއް ލިބިގެންދިޔަކަން ފާހަގަވެފައި ވެއެވެ. އެގޮތުން ޕްރެމިއާ ލީގުގެ ފުރަތަމަ ފަސް މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗުން ބަލިވެފައި ވެއެވެ.

"އަހަރެމެންގެ އުންމީދުތައް އޮތީ މާ ދުރަކު ނޫން. ސީޒަނު ނިމޭއިރު ކުލަބު އޮންނާނެ މަގާމު ބުނަން އަދި މާ އަވަސް. އެހެން ނަމަވެސް މިހާރު އަހަރެމެން ދައްކަމުން މިދާ ކުޅުމުން ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެ ކަމަށް ކުޅުންތެރިން ގަބޫލުކުރޭ. ޗެލްސީ އާއި ދެކޮޅަށް ކުޅުނު ގޮތަށް ކުޅެފިނަމަ، އަހަރެމެންނަށް ކާމިޔާބީ ލިބޭނެކަމާމެދު ޝައްކެއްނެތް." ވަލްކޮޓް ބުންޏެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް އިން ވަނީ މޮޅު ކުޅުމެއް ދައްކާ 5-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.