31 Jul 2019, 10:06
ދިއްލީ (ޖުލައި 31): އިންޑިއާގައި އެއް ފަހަރާ ތިންފަށް ވަރި ކުރުން ނުވަތަ 'ޓްރިޕްލް ތަލާގް'އަކީ ޖިނާއީ ކުށެއް ކަމަށް ބުނާ ބިލެއް އެގައުމުގެ ޕާލިމެންޓުން ފަސްކޮށްފި އެވެ.
އިއްޔެ ޕާލިމެންޓުގެ މަތީގޭގައި ނެގި ވޯޓުގައި އެބިލަށް ތާއިދުކޮށް 99 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް 84 މެމްބަރު ވޯޓު ދެއްވި އެވެ. އަދި ގައުމުގެ ރައީސް އެބިލު ތަސްދީގު ކުރެއްވުމުން، އެއް ފަހަރާ ތިންފަށް ވަރިކުރާ މީހުން ގިނަވެގެން ތިން މަހަށް ޖަލަށް ލެވޭނެ އެވެ.
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީން އެބިލަށް ތާއިދު ކުރެ އެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެއީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމުގައި ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެބިލުގައި ނަސްލީ އިމްތިޔާޒުގެ ސިފަތައް ހިމެނޭ ކަމަށް ބުނެ ބިލާ ދެކޮޅު ހަދައިފަ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެއް ފަހަރާ ތިންފަށް ވަރި ކުރުމަކީ އެގައުމުގެ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ނިންމާފަ އެވެ. އެއީ ޓްރިޕްލް ތަލާގްއާ ދެކޮޅަށް ގިނަ އަދަދެއްގެ ޕެޓިޝަންތައް ކޯޓަށް ހުށަހެޅި ފަހުންނެވެ. އެގޮތުން ގިނަ އަދަދެއްގެ މުސްލިމް އަންހެނުން ވަނީ ސިޓީއަކުން ނުވަތަ ފޯނު ކޯލަކުން ނުވަތަ މެސެޖެއްގެ ޒަރިއްޔާއިން އެމީހުން ތިންފަށްވަރިއަކުން ވަރިކުރި ކަމަށް ބުނެ އެމައްސަލަތައް ކޯޓަށް ހުށަހަޅައިފަ އެވެ.