31 Jul 2019, 10:08
ގެއްލުވާލެވިފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ފުރަތަމަ ފަހަރަށް އެ ކޮމިޝަނުން ބެލި މައްސަލައެއް ގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި އެވެ.
މިދިޔަ މަހު 24 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ބިލުން ކޮމިޝަނުން ބަލާ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު އެ ކޮމިޝަންތަކަށް ލިބިގެންވެ އެވެ.
މަރުތަކާ ބެހޭ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން މާފުށީ ޖަލުގައި ހުއްޓާ މަރުވި ދ. ވާނީ/ ބުލޫހެވަން، ހުސައިން ޒަރީރު މަރުގެ މައްސަލަ ކޮމިޝަނުން ބަލައި މިހާރު ނިންމާފައިވާ ކަމަށެވެ.
"މައްސަލަ ބަލައި ނިންމުމަށްފަހު، އެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މޯލްޑްވިސް ޕޮލިސް ސާވިސް އަށް ފޮނުވައިފި،" ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ކޮމިޝަންގެ ރައީސް ހުސުނުއްސުއޫދު މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ދައުވާކުރުމަށް ފުލުހުންނަށް ފޮނުވި ސަބަބަކީ، އެ މައްސަލަ މީގެ ކުރިން ފުލުހުން ތަހުގީގުކޮށްފައި ވާތީ ކަމަށެވެ. އަދި ފުލުހުން ކުރިން ހިންގާފައިވާ ތަހުގީގުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަލުން ފުރިހަމަ ތަހުގީގެއް ހިންގުމަށް ފަހު އެ މައްސަލަ ފުލުހުންގެ ފަރާތުން ޕީޖީއަށް ދައުވާ ކޮށްދިނުމަށް ފޮނުވުމަށް އެދުނީ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލައިގައި ދައުވާކުރުމަށް އެދެން ޖެހޭނީ ފުލުހުން،" ސުއޫދު ވިދާޅުވި އެވެ.
ކޮމިޝަނުން ދައުވާ ކުރަން ފޮނުވި އެ މައްސަލައިގައި ޖަލުގައި މަރުވި، ހުސައިން ޒަރީރު މަރުވެފައި ވަނީ ނޮވެމްބަރު 8، 2016 ގައި އެވެ. އޭނާ މަރުވި އިރު އޭނާ ހުރީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ. އެ އަހަރު ތެރޭ ޒަރީރާއެކު ގޮތް ނޭނގޭ ގޮތަކަށް މާފުށީ ޖަލުން ހަ މީހަކު ވަނީ މަރުވެފަ އެވެ.
ރިޔާސީ ކޮމިޝަނަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނެކެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ނުބެލި ހުރި މަރުތަށް ބެލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.