މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ، އެ ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ އެތެރެކޮށް އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ އިސް ފަރާތެއް އެ ފަސް މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ގެންދުޔުމުން ފަސް މީހުންނަށް ވެސް 15 ދުވަސް ޖަހަފައިވާ ކަމަށެވެ.

ފަސް މީހުންގެ އަތުން ހަތަރު ރަބަރު ގަނޑުގެ 6.023 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން އިދާރާ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި ފަސް މީހުންވެސް ހައްޔަރު ކޮށްފައިވަނީ، ފުލުހުން ފާރަލަމުން ދަނިކޮށް ރަށަކުން މާލެއަށް ލޯންޗަކުން އައި ގަޑީގައި މާލޭ ޖެޓީންނެވެ.

މަސްތުވާތަކެތީގެ އެތެރެކޮށް އޭގެ ފިޔަވާފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން މި އޮޕަރޭޝަން ފެށި މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއިރުއްސުރެ އިއްޔެއާ ހަމައަށް ފުލުހުން ދިޔައީ އެ މީހުންނަށް ފާރަ ލަމުންނެވެ.

ފުލުހުން ދާދި ފަހުން ވަނީ މަސްތުވާތަކެތީގެ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން މިދިޔަ އެޕްރީލް މަސްތެރޭ ފުލުހުން ވަނީ ގދ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ޖެހިގެން އައި މެއި މަހު ފުލުހުން ފަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 50 ކިލޯގެ މަސްތުވާތަކެއްޗާއެކު އީރާނުގެ ބޯޓެއް އަތުލައިގެންފައެވެ. އަދި އޭގެ ފަހުން ހުޅުމާލެއިން ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.