31 Jul 2019, 08:51
ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ރައްޔިތުން ސިއްހީ ހިދުމަަތަށް މާލެ އަންނަން ޖެހޭ މިންވަރު 50 ޕަސެންޓް ދަށްކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފާހަގަކުރުމަށް ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިއްހީ ސިޔާތުގައި މިއަހަރަށްކަނޑައެޅިގައި ލަނޑުދަނޑިތަކުގެ އެއްއަމާޒަކީ ރައްޔިތުން ހިދުމަތްހޯދުމަށް ކުރަންޖެހޭ ހޭދަ އާއި ތަކުލީފް ކުޑަކުރުން ކަމަށެވެ.
"އިރާދަކުރެއްވީ މިއަހަރު ނިމޭއިރު، އަތޮޅުތެރޭގެ ރައްޔިތުން ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ މިންވަރު 50 އިންސައްތަ ދައްކުރުމަކީ އަޅުގަނޑުމެންގެ އަމާޒު. ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެންވަރުމަތިކުރުމުގެ ހާއްސަ މަސައްކަތުގެ ތެރެއިން، މިއަހަރު ނިމިމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދުގައި ސިޓީ ސްކޭންގެ ހިދުމަތް ގާއިމްކުރެވިގެންދާނެ." އަމީން ވިދާޅުވި އެވެ.

ބ. އަތޮޅު ސިއްހީ ހިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ--- ފޮޓޯ: ހެލްތު މިނިސްޓްރީ
އަމީން ވިދާޅުވީ ސިއްހީ މައުލޫމާތުތައް ދިރާސާ ކުރެވި، ހިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ހިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ހިދުމަތްތައް ސަރަހައްދުތަކުގައި ގާއިމްކުރުމަށް ކަމަށެވެ. އަދި ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ލިބިދެވޭނީ ދިރިއުޅޭ ސަރަހައްދުން އެކަށީގެންވާ ސިއްހީ ހިދުމަތް ލިބިގެންކަމަށްވެސް އަމީން ވިދާޅުވި އެވެ.
އެގޮތުން ވަރުގަދަ ޕަބްލިކް ހެލްތު ނިޒާމަކާއިއެކު އަތޮޅު ނުވަތަ ސަރަހައްދީ ފެންވަރުގެ ޒަމާނީ ފަރުވާގެ ނިޒާމެއް ކަށަވަރުކޮށްދިނުމަމީ ސަރުކާރުގެ އަމާޒުކަމަށް އަމީން ވިދާޅުވި އެވެ.
"މިހިސާބަށް ވާސިލުމުމަކީ، ބުރަކަމެއް އުދަގޫކަމެއް، މި ހިސާބަށް އެއްދުވަހުން އަދިދުވަހަކުން ނުދެވިދާނެ. އެކަމަކު މިހިސާބަށް ރާއްޖޭގެ ސިއްޚީ ނިޒާމްގޮސްދޭނެކަމުގެ ކަށަވަރުކަން އަޅުގަނޑުއަރުވަން." އަމީން ވިދާޅުވި އެވެ.