30 Jul 2019, 23:18
އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފާހަގަކުރުމަށް މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބ. އަތޮޅުގައި ފަތުރުވެރިކަން ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެއަތޮޅުގެ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަކީ، ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މާލެ އަތޮޅާއި އަރިއަތޮޅު ފިޔަވައި ދެން އެންމެ ގިނަ ރިޒޯޓް ހިންގަނީ، ބ. އަތޮޅުގައި ކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެއަތޮޅުގެ ފަތުރުވެރިކަމަށް ފައިދާ ހުރި ކޮންމެ ކަމަކީ، އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށެވެ.
"މިހެން ދެންނެވިޔަސް، ސިއްހީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާ ކުރަންޖެހިފައިވާ ކަމެއް. އިމާރާތުގެ ދަތިކަމާއި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުން އަދި ސިއްހީ އެހީތެރިން ނެތުމަކީ، ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ލެބޯޓްރީގެ ޚިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައެއް އަދިއެއް ނެތް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށެވެ. އަދި މާލެއަށް ދިޔަސް، ވަކި ބައްޔަކަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް، އެތައް ދުވަހަކު އިންތިޒާރުގައި ތިބެން ޖެހޭކަން ރައީސް ސޯލިހްވަނީ ފާހަގަކުރައްވައިފައެވެ.
ރަނގަޅަށް ތަމްރީންވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތްކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުންވެސް މައްސަލައެއްގެ ގޮތުގައި އަދިވެސް އެބައޮތް ކަމަށެވެ.
"މި ޝަކުވާތައް އުފެދުނީ، ރާއްޖެ ތަރައްޤީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްޤީގެ މަޝްރޫޢުތައް. އޭގެ ނަތީޖާއަކަށްވީ، ޑޮކްޓަރަށް ދައްކަން ވިޔަސް، އެކްސްރޭއެއް ނަގަން ޖެހުނަސް، ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ޚަރަދުތަކެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރާއްޖެއިން ނައްތާލައިފައިވާ މެލޭރިއާ އަދި ފައިލޭރިއާ ފަދަ ބަލިތަކަށް އަލިއަޅުވާލައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ކާމިޔާބީގެ ފަހަތުގައިވަނީ، ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކަމަށެވެ.
"ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ އެ ޕްރޮގްރާމް އިހުމާލުކޮށްލުމުގެ ސަބަބުން، މިއަދު އަޅުގަނޑުމެންގެ ފުރާނަތައް ގެއްލެމުން އެދަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.