ބާލިން (ޖުލައި 30): ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ނަމުގައި އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރުގައި ބައިވެރިވުމަށް އެމެރިކާއިން ޖަރުމަނު ސަރުކާރަށް އިލްތިމާސް ކޮށްފިއެވެ.

ބާލިންގައި ހުންނަ އެމެރިކާގެ އެންބަސީގެ ތަރުޖަމާން ތަމާރާ ސްޓިއަންބާގް ވިދާޅުވީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމަށާއި ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރުގައި ޖަރުމަނު ބައިވެރިވުމަށް އެދި ރަސްމީ ސިފައެއްގައި އެމެރިކާ ސަރުކާރުން ޖަރުމަނު ސަރުކާރަށް ހުށަހަޅާފައި ވާނެކަމުގައެވެ.

އެމެރިކާއިން މި ހުށަހެޅުން ހުށަހަޅާފައި މިވަނީ އެ ލަޝްކަރުގައި ބައިވެރިވުމާމެދު ޖަރުމަނު ސަރުކާރުން އަދި ގޮތެއް ނުނިންމާ ކަމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ހައިކޯމާސް ވިދާޅުވެފައިވަނިކޮށެވެ. މީގެއިތުރުން ހައިކޯމާސް ވަނީ އީރާނަށް ބިރު ދައްކައި ގެންނާއި މެކްސިމަމް ޕްރެޝަރު ބޭނުންކޮށްގެން އެމެރިކާ އެދޭކަންކަން ކުރަން އީރާނަށް މަޖްބޫރު ކުރުމަށް އެމެރިކާ ގެންގުޅޭ ހަރުކަށި ސްޓްރެޓެޖީ އަށް ޖަރުމަނުން ދެކޮޅު ހަދާކަމަށް ވެސް ފާޅުގައި ވިދާޅުވެފައެވެ.

އީރާނުންވަނީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ނަމުގައި އިނގިރޭސިވިލާތް އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ލަޝްކަރަކީ އެގައުމާ ދެކޮޅަށް ހިންގާ އަސްކަރީ އަމަލެއްގެ ގޮތުގައި ބަލަންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އީޜާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ގަލްފުގެ އަމަނާއި ސުލްޙަ ބަލަހައްޓާނީ އީރާނާއި ގަލްފުގެ އަރަބި ގައުމުތަކުން ކަމަށާ އެ ސަރަހައްދާ އެތަށް ހާސް މޭލެއްގެ ދުރުގައިވާ ހުޅަނގުގެ ބާރުތަކުން ނޫންކަމަށް ވިދާޅުވެފައެވެ. އަދި ގަލްފަށް މައްސަލަތައް ކުރިމަތިވީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާ ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރިގޮތެއްގައި އެމެރިކާ ވަކިވެ އީރާން އިނދަޖައްސާލުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އީރާނަށް އަސްކަރީ ގޮތުން ބިރު ދެއްކުމުގެ ސްޓްރެޓެޖީ އެއް ޓްރަމްޕްގެ ސަރުކާރުން ގެންގުޅެން ފެށުމުން ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ.

ޔޫރަޕުން އީޜާނާ މުއާމަލާތް ކުރުމުގައި ގެންގުޅޭ ޑިޕްލޮމަސީގެ ސްޓްރެޓެޖީ ބޭނުންކޮށްގެން ޔޫރަޕުންވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމެއް 2015 ވަނަ އަހަރު ވުޖޫދަށް ގެނައުމުގައި ކާމިޔާބު ހޯދާފައެވެ. ނަމަވެސް އެ އެއްބަސްވުމުން އެމެރިކާ ވަކިވެ ޓްރަމްޕް ބޭނުންވާ ބަދަލުތަކެއް އެއަށް ގެނައުމަށްޓަކައި އީރާނަށް ބިރު ދައްކައިގެންނާއި ފިއްތުންތައް ކުރުމަތިކޮށްގެން ޓްރަމްޕްގެ ސަރުކާރުން ކުރަންއުޅޭ އެއްވެސް ކަމެއް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ނަމުގައި އިނގިރޭސިވިލާތް އިސްކޮށް ބާއްވައިގެން އަސްކަރީ ބާރެއް އުފައްދަން އެމެރިކާ ބޭނުންވަނީ އެކަމުގެ ޚަރަދު ޔޫރަޕްގެ ގައުމުތަކާއި ގަލްފުގެ ތެޔޮ ބޭނުންކުރާ އެހެން ގައުމުތަކުގެ ބޮލުގައި އެޅުވުމަށެވެ. އެމެރިކާ އިސްވެ އޮވެގެން މިފަދަލަޝްކަރެއް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ކުރިން ފާޅުކުރެއްވުމަށްފަހު މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ އެމެރިކާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިއަކީ މިހާރު ގަލްފުގެ ތެލުގެ އެންމެ 10 އެއް އިންސައްތައަށް ބަރޯސާވާ ގައުމަކަށްވާތީ ގަލްފުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ކަންތައް މިހާރު ކުރަންޖެހޭނީ ގަލްފުގެ ތެލަށް ބަރޯސާވާ ޔޫރަޕްގެ ގައުމުތަކާއި ޗައިނާއާއި ޖަޕާން ފަދަ ގައުމުންތަކުންނާއި ގަލްފުން އެންމެ ގިނައިން ތެޔޮ ބޭރުކުރާ މުއްސަނދި ގައުމުތައް ކަމަށްވާ ސައޫދީ އާއި ޔޫއޭއީން ކަމުގައެވެ.

މިފަދަ ލަޝްކަރެއް އުފައްދާ ހިސާބަށް ކަންތައް ދިޔައީ އެމެރިކާ ގަލްފަށް ހަތިޔާރާއި މަނަވަރުތަކާ އަދި ސިފައިން ޖަމާކޮށް އީރާނަށް ބިރު ދައްކަން އުޅުމުން އީރާނުންވެސް އެމެރިކާގެ ބިރަށް ޖެހިލުންނުވެ ރައްދު ދޭނެކަން އެމެރިކާއަށް ކަށަވަރު ވުމުންނެވެ. އީރާނުން ވަނީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް މީގެ ދެ ހަފްތާ ކުރިން ހިފަހައްޓާފައެވެ. އެއީ އިނގިރޭސިވިލާތުންވެސް ޖިބްރޯލްޓާ ގެ ކައިރިން އީރާނުގެ ޓޭންކަރެއް ހިފެހައްޓާފައި ވަނިކޮށެވެ.

އީރާނުންވަނީ އެގައުމުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވާނަމަ އެއްވެސް ގައުމަކަށް ހުރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރު ކުރުމުގެ ފުރްސަތު ނުދޭނެ ކަމަށް ބުނެފައެވެ. ފުރްސަތު ލިބެންޏާ ލިބެންޖެހޭނީ އީރާންވެސް ހިމެނޭގޮތަށް ހުރިހާ ގައުމުތަކަށް ކަމަށް އީރާން ބުނެއެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އީރާނުގެ ތެލުގެ ޝިޕްމަންޓްތައް ހުއްޓުވާފައި އީރާނުގެ ބަނޑުދަށުގައި އޮންނަ ހުރްމުޒް ކަނޑުއޮޅިން އެހެން ގައުމުތަކުގެ ތެޔޮ ބޭރު ކުރުމުގެ ފުރްސަތު ނުދޭނެކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އީރާނުންވަނީ ބުނެފައެވެ. (ނޫސްއެޖެންސީތައް)