30 Jul 2019, 21:28
މަސްވެރިކަމާ ބެހޭ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.
އެ ބިލާ ގުޅޭގޮތުން މިއަދު ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނީ، މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާ ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށެވެ.
ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމަށް ބިލްގައި ބަޔާންކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ބޭރު މަސްދޯނިތަކަށް ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ ރަސްމީކޮށް ހުއްޓާލައިފަ އެވެ. މީގެ ކުރިން 28 ބޯޓަކަށް މަސްވެރިކަން ކުރުމުގެ ލައިސެންސް ދޫކުރި އިރު، ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ލައިސެންސް ދިނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2014 ގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ވަގަށް މަސްވެރިކަން ކުރަނިކޮށް ހުއްޓުވާ ގިނަ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމުގައި ހުރި ގާނޫނީ ދަތިތަކުގެ ސަބަބުން އެކަމަށް އެކަށީގެންވާ ހައްލެއް މިހާތަނަށް ހޯދިފައެއް ނުވާ ކަމަށެވެ. މަޖިލީހަށް ފޮނުވި މިބިލުގައި މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ކަނޑައަޅާ އެފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވާނީ ހިމަނާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މަހަށް އެކަށީގެންވާ އަގު ނުލިބޭ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދުމަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު މިބިލުން މިހާރު ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ ފިޝަރީޒް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ބިލުގައި، ރައްޔިތުންނާއި ގާތުން މަސް ޕްރޮސެސްކޮށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ގޭދޮށުގައި އަޅާ މަސް ޕްލާންޓް އަދި މަސް ގަތުމުގައި މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި ގުޅޭ ކަންކަން ކުރުމަށް މި ބިލުގެ ތެރެއިން މަގުފަހި ވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުންނެވެ.
މި ބިލް ބަންޑާރަ ނައިބު އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ނުވަނަ ދުވަހުއެވެ. މި ބިލް ޑްރާފްކޮށް ތައްޔާރުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީންނެވެ.
މިހާރު އަމަލުކުރަމުންދަނީ 1987 ވަނަ މަސްވެރިކަމާ ބެގޭގޮތުން ފާސްކޮށްފައިވާ ގާނޫނާއި ގަވައިދު ތަކެެވެ. މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ބިލް ފާސްކުރުމުން 32 އަހަރުވީ ގާނޫނު އުވިގެންދާނެއެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ މަސްވެރިކަމާ ބެހޭ ދެވަނަ ބިލެވެ. މިދިޔަ އެޕްރީލް މަހު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވި ބިލަށް އާންމުންގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން އެ ބިލް ވަނީ އަނބުރާ ގެންދަވާފައެވެ.
މަޖިލީހަށް ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ ބިލެއް ހުށަހެޅި އިރު، މިހާރު ރައްޔިތުން މަޖިލީހަށް މަސްވެރިކަމާ ބެހޭ ފަސް ގަރާރެއް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އޭގެތެެރެއިން ހަތަރު ގަރާރެއް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
މަސްވެރިކަމާ ބެހޭ ފަސް ގަރާރު:
ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވި، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު
- ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގަރާރު
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވި، ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާ ގުޅޭ ގަރާރު
- ހޯރަފުށި ދާއިރާގެ މެންބަރު އަހަމަދު ސަލީމް ހުށަހަޅުއްވި، ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރު
- ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވި، ރަށުކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމާ ގުޅޭ ގަރާރު
މި ފަސް ގަރާރުގައި ހުރި ކަން ކަން މަސްވެރިކަމާ ބެހޭ ބިލު ކޮމިޓާގައި ދިރާސާކޮށް އިސްލާހު ކުރާއިރު ހިމެނާނެއެވެ.