01 Nov 2011, 11:57
ޅ. ނައިފަރު ކޯޓުގެ މެޖިސްޓްރޭޓަށް މަރުގެ އިންޒާރުދީ ކޯޓުގެ ހުރުމަތް ކަނޑާލި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ޅ. ނައިފަރު ހަބަރޭވިލާ، ހުސެއިން ސާމިރުގެ މައްޗަށެވެ.
ސާމިރުގެ މައްޗަށް އިއްޔެ ކުރި ހުކުމްގައި ވަނީ މާޗް 9، 2009 ވަނަ ދުވަހު ސާމިރުގެ މައްޗަށް ތުހުމަތުކުރެވުނު މާރާމާރީ ހިންގުމުގެ މައްސަލައަކާ ގުޅިގެން ސާމިރު ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު ކޯޓަށް އެ ދުވަހު ގެންދެވުނު ކަމަށެވެ. އަދި ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ސީނިއާ މެޖިސްޓްރޭޓް އަބްދުލް މުހުސިން އާދަމަށް މަރުގެ އިންޒާރުދީ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ހާދާފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާތީ ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ (8) އަދި (9) ވަނަ ނަންބަރާއި ހަވާލާދީ ގާނޫނުލް އުގޫބާތުގެ (88) ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.