30 Jul 2019, 21:21
ގަތަރާ ސިޔާސީ ގުޅުން ގާއިމްނުކޮށްގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފިއެވެ.
އެ މައްސަލައިގައި ޝާހިދުއާ ސުވާލުކުރަން ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.
ޖާބިރު މިރޭ "ސަން" އަށް ވިދާޅުވީ މީގެ ކުރިން މިދިޔަ މަހުވެސް އެ މައްސަލައިގައި ޝާހިދުއާ ސުވާލުކުރަން ތާވަލްކުރި ކަމަށެވެ. ނަމަވެސް ޝާހިދުގެ ދަތުރުތަކާ ގުޅިގެން މަޖިލީހަށް ހާޒިރުވުމުގައި ލަސްވީ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ޝާހިދުއާ ސުވާލުކުރާނީ ގަތަރާ ގުޅުން ގާއިމްކުރަން މިހާރު ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ކޮމަންވެލްތާއި އަދި އީރާނާއި ގަތަރާ ގުޅުން ކަނޑާލިއެވެެ. ނަމަވެސް އެ ގައުމުތަކާ އަލުން ގުޅުން ގާއިމްކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުތެރޭ ވައުދުވެވަޑައިގެންނެވިއެވެ.
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ޝާހިދު ކުރިން ވިދާޅުވީ ގަތަރާ ގުޅުން ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އޭގެ މާބޮޑު ތަފްސީލެއް ސަރުކާރުން ނުދެއެވެ.