މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު، އައިޖީއެމްއެޗުން ކާމިޔާބުކަމާއެކު ނަގައިފި އެވެ.

އައިޖީއެމްއެޗުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ބަރަކޫޑާ ނަމަކަށް ކިޔާ ތޮޅީގެ ވައްތަރެއްގެެ ތުން ހުރީ މީހެއްގެ ކަރުގެ އާޓަރީއެއްގެ ކައިރިއަށް ހެރިފައި ކަމަށެވެ.

އެ ތޮޅީގެ ތުން ނަގާފައި ވަނީ އައިޖީއެމްއެޗްގެ އީއެންޓީ ސާޖަންއިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކަރަށް ހެރުނު ތޮޅީގެ ތުނބުގައި ހަ ސެންޓި މީޓަރު ހުއްޓެވެ.

"އައިޖީއެމްއެޗްގެ އެނެސްތީސިއާ ޓީމްއިން ވަރަށް ބަލައިގެން އެ ތޮޅީގެ ބައި ނެގީ،" އައިޖީއެމްއެޗްގެ ޓުވީޓުގައިވެ އެވެ.

އެ ތޮޅި ހެރުނު މީހާގެ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.

ތޮޅިއެއްގެ ތުން ހެރިގެން މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް މީހުންނަށް އެކިވަރުގެ ޒަޚަމް ލިބިފައިވެ އެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ހިނގި އެއް ހާދިސާއެއްގައި ކަރަށް ތޮޅިއެއް ހެރިގެން ނ. މާޅެންދޫ ޒުވާނަކު މަރުވި އެވެ.