އދ. މަޖިލިސް (ޖުލައި 30): އަފްޣާނިސްތާނުގެ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ މިއަހަރުގެ ފުރަތަމަ ހަމަސްތެރޭގައި މަރުވެ އަދި ޒަޚަމްވި އަފްޣާން އާންމުންގެ އަދަދު 4000 އަށް އަރާކަމަށް އދ. ން ބުނެފިއެވެ.

ކާބުލްގައި ހުންނަ އދ. ގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައަކީ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ހަނގުރާމައެއްކަމަށާ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކުންވެސް އާންމުން މަރާ ކަމުގައެވެ. ނަމަވެސް އާންމުންނަށް އަމާޒުކޮށްގެން ސީދާ ގޮތެއްގައި ހަމަލާ ދެމުން ގެންދަނީ ތާލިބާނުންނާ އެޖަމާއަތުގެ އެންމެ ބޮޑު ވާދަވެރި ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތުގެ އަފްޣާން ގޮފިންނެވެ.

އދ. ގެ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ 30 އަށް ތާލިބާނުންނާއި އައިއެސް ޖަމާއަތުން އަފްޣާން އާންމުންގެ 531 މީހުން މަރާލާފައިވާއިރު އެމުއްދަތުގައި އާންމުންގެ 1437 މީހުން ޒަޚަމްކޮށްލާފައިވާ ކަމުގައެވެ. އެމުއްދަތުގައި އަފްޣާން ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި އަފްޣާން އާންމުންގެ 717 މީހުން މަރުވެފައިވާއިރު 680 އާންމުން ޒަޚަމްވެފައިވެއެވެ.

ތާލިބާނުންނާއި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން އަފްޣާން އާންމުން އެންމެ ގިނައިން މަރަނީ ބޮމުގެ ހަަމަލާތައް ދީގެންނެވެ. އެމެރިކާއާއި އަފްޣާން ސިފައިން އާންމުން މަރަނީ ބޮން އަޅައިގެންނެވެ.

ޓެރަރިޒަމާ ހަނގުރާމަ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ބާރުތަކުގެ ހަމަލާތަކުގައިވެސް އަފްޣާން އާންމުންގެ އެތަށް ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިޥާކަން އދ. ގެ ރިޕޯޓްގައި ފާހަގަކޮށްފައިވީ ނަމަވެސް ބޭރުގެ ބާރުތަކުގެ ޝިކާރައަކަށްވި އަފްޣާން އާންމުންގެ އަދަދު ހިމަނާފައެއް ނުވެއެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ދިގުލީ ދާޚިލީ ހަނގުރާމައިގާ މައިގަނޑު ގޮތެއްގައި ޝާމިލްވަނީ ތާލިބާން ޖަމާއަތާއި އަފްޣާން ސިފައިންނާ އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާ ސިފައިންނެވެ. އައިއެސް ޖަމާއަތް އަފްޣާނިސްތާނުގައި ފާޅުވީ ދާދިފަހުންނެވެ. އައިއެސް ޖަމާއަތަކީވެސް ތާލިބާނުންނެކޭ އެއްގޮތަށް އެމީހުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނަސް އެމީހުން ބޭނުންވާ ޒާތުގެ ވެރިކަމެއް އަފްޣާނިސްތާނުގައި ގާއިމް ކުރުމަށް މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތެވެ.

އަފްޣާން ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެ މިލިޔަނެއްހާ މީހުން މަރުވެ އެތަށް މިލިޔަން ބަޔައަކު ޒަޚަމްވެފައިވާއިއިރު އަފްޣާން އެތަށް މިލިޔަންމީހުންވަނީ ހާލުގައިޖެހި ރެފިއުޖީންނަށް ވެފައެވެ. މީގެއިތުރުން އިގްތިސާދު ހީނަރުވުމާއި ފަގީރުކަން އާންމުވުމާއި ޖިނާއީ ކުށްތައް އިތުރުވުމާއި މަސްތުވާތަކެތީގެ މައްސަލަތައްފަދަ އެތަށް ކާރިސާތަކެއް އަފްޣާނިސްތަށްވަނީ ކުރިމަތިވެފައެވެ.

18 އަހަރު ވަންދެން ތާލިބާނުންނާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމަ ކާމިޔާބުނުވުމުން އެމެރިކާ މިޙާރުވަނީ ތާލިބާނުންނާ ސުލްޙައިގެ ވާހަކަ ފަށާފައެވެ. ތާލިބާނުންވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ނުފައިބަނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. އަދި އަފްޣާން ސަރުކާރަށް އިއްތިރާފް ވުމަށްވެސް ތާލިބާނުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ތާލިބާނުން ސުލްޙައިގެ މަގު އިޚްތިޔާރުކުރީ އަފްޣާން ސަރުކާރު ވައްޓާލުމުގައި ނާކާމިޔާބު ވުމާއި އަފްޣާނިސްތާން އެއްކޮށް ހިފުމަށް ނުކުޅެދުމުގެ އިތުރުން އައިއެސް ގެ އަފްޣާން ގޮފިން ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަފެށުމާއެކު ޕްރެޝަރުބިޑުވެ އިތުރު ގޮތެއްނެތިގެން ކަމަށް އޮބްޒާވަރުން ދެކެއެވެ. (ނޫސްއެޖެންސީތައް)